ޚަބަރު

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް


އައްޑޫއިން ގޯތި ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ. ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު އައްޑޫގައި ގޯތި ދޫކޮށްފައިވާ މިންވަރު މަދުވެ، ގޯތި ލިބުމުގެ ދަތިކަމާ ގިނަ ބަޔަކަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުންދަނީ އައްޑޫ ސިޓީގައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އައްޑޫސިޓީގެ އާބާދީ 33 ހާހަށް އަރައެވެ. ނަމަވެސް މިފަދަ ބޮޑު އާބާދީއަކާ އަޅައި ބަލާއިރު އައްޑޫގައި ގޯތި ދޫކޮށްފައިވާ މިންވަރު މަދުވެ، ގޯތި ލިބުމުގެ ދަތިކަމާ ގިނަ ބަޔަކަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިކަން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ދައުރުގެ ފަހުކޮޅު އައްޑޫ ސިޓީން 400 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް އިޢުލާން ކުރިއެވެ. ނަމަވެސް އޭރު ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއިރު، ވަކި ބަޔަކަށް ފައިދާވާގޮތަށް ޢަމަލުކުރަމުންދާކަމަށް ތުހުމަތުކުރެވިގެން ސިޓީ ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅައި، ވަގުތީ އަމުރެއްގެ ދަށުން އެމަސައްކަތް ހުއްޓުވިއެވެ.

މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައްދީ ގޯތި ދޫކުރުމުގެ ކަންކަން ކައުންސިލްތަކާ ހަވާލުކޮށްފައިވީނަމަވެސް، އައްޑޫ ސިޓީން ގޯތި ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ ގޯތި ދޫކުރުމަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ މުވައްޒަފުން ނެތުން ކަމަށެވެ.

"
"އެންމެ ބޮޑަށް ބިމާ ގުޅޭ މައްސަލަ ހައްލު ކުރުމަށް ދިމާވާ އެއްކަމަކީ ބިން ސާރވޭކޮށް ކަންމުޑި ޖާހާނެ މުވައްޒަފުން ނެތުން. މިހާތަނަށް (ކައުންސިލް ދަށަށް) ބަދަލުވިއިރުވެސް މުޅި އައްޑޫގައި ތިބީ އެންމެ ދެ މުވައްޒަފުން ކަންމުޑި ޖެހުމަށް. އެއީ ހިތަދޫ އެއް މުވައްޒަފު އަދި ހުޅުމީދޫ އެއް މުވައްޒަފު"
އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ދަތިކަންވެސް ކުރިމަތިވެފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ބިމާބެހޭ މައްސަލަތަކުގެ ތެރެއިން ހިބައާއި، ތަރިކައާ ގުޅުންހުރި 300 އަށްވުރެ ގިނަ މައްސަލަ ކޯޓްތަކުގައި ނުނިމި ހުރުމުން ގޯތިތަކުގެ އިން ވަކިކޮށް މަސައްކަތް ކުރިއަށްގެންދިއުމަށް ހުރަސްތަކާ ކުރިމަތިވާކަމަށެވެ.

ގޯތި ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. މިމައްސަލަ ހައްލުކުރުމަށް އައްޑޫގެ ތިން މުނިސިޕަލް އޮފީހުގެ ދަށުން ވަކި 3 ސާރވޭ ޓީމު ޤާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ގޯތި ދޫކުރުމުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީގެ ބިމުގެ ހާލަތު ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލައި ދިރާސާކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި ކޮމިޓީގެ މަސައްކަތްތައް ނިމުމާއެކު، ކުރީގެ ސަރުކާރުން ދޫކުރަން ނިންމި 400 ގޯއްޗާމެދު ގޮތެއް ނިންމާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.