ޚަބަރު

ކިހާދޫއިން ދޫކުރާ 27 ގޯއްޗަށް އެދި 49 ފަރާތާކުން ފޯމު ހުށަހަޅައިފި

ބ.ކިހާދޫއިން ދޫކުރުމަށް ނިންމާފައިވާ 27 ގޯއްޗަށް އެދި 49 ފަރާތަކުން އެ ރަށު ކައުންސިލަށް ފޯމް ހުށަހަޅައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ ގޯޗައް އެދި ހުށަހެޅި ފަރާތްތަކުގެ ލިޔެކިޔުންތައް އިވެލުވޭޓް ކުރުމުގެ ހުއްދައަށް އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. އަދި އެހުއްދަ ލިބުނުހާ އަވަހަކަށް ކައުންސިލުން ހަދާފައިވާ އިވެލުއޭޝަން ކޮމެޓީން އިވެލުއޭޓް ކުރުމަށްފަހު ގޯތިތައް ދޫކުރާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކިހާދޫއިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެނެވެ. ގޯތި ދޫކުރާނީ މަދުވެގެން 50 ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި ގޯތިދޫކުރުމުގައި ކިހާދޫގައި ދިރިއުޅޭ އާއިލާތަކަށް އިސްކަން ދޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

  • ކިހާދޫން ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް:
  • - އަމިއްލަ ނަމުގައި ގޯއްޗެއް ރަޖިސްޓްރީވެފައި ނެތުން
  • - ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން
  • - ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން
  • - ސަރުކާރުން ދޫކޮށްފައިވާ ފްލެޓެއް އަމިއްލަ ނަމުގައި އޮވެމެ، އެތައް ދޫކޮށްލާފައިވާތާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން

18 އަަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްވެސް ގޯޗައްއެދި ފޯމް ހުށައެޅުމުގެ ފުރުސަތު ކިހާދޫ ކައުންސިލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައެވެ. އަދި ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހެވެ. އާބާދީގައި 492 މީހުން ދިރިއުޅެމުން އަންނަ ކިހާދޫން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ.