ތަރައްްޤީ

ބ.އޭދަފުށްޓަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމިއްޖެ


ބ.އޭދަފުށީގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމިއްޖެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ ބުނެފިއެވެ.

ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ، ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަސްރޫގެ މަސައްކަތް މިމަހުގެ ކުރީކޮޅު ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. ބ.އޭދަފުއްޓަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ފުރަތަމަ ހަވާލުކުރީ 7 މަސްދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް ދިމާވި އެކި މައްސަލަތަކާ ހުރެ މަސައްކަތް ނުނިމި ލަސްވުމުން، އެ މަސައްކަތް ނިންމުމަށް އެއްއަހަރާއި ހަމަސް ދުވަސް ވަނީ ދީފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މިމަޝްރޫޢު ކުރިއަށްގެންދާ ކުންފުނިން އޭދަފުއްޓަށް ކަނޑައަޅާފައި ހުންނަ ސްޕަވައިޒަރ އަމީލަ މަދުސަންކަ ބުނީ މަޝްރޫޢު ނިންމުމަށްފަހު މިނިސްޓްރީއާ ހަވާލު ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި ފެނުގެ ތަހްލީލްތައް ކުރުމަށްވެސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގައި 16 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކޮށްފަވާއިރު، މިތަނުގައި ބަހައްޓާފައިވާ އާރު.އޯ ޕްލާންތަކުން ދުވާލަކު 120 ޓަނުގެ ފެން އުފައްދާނެއެވެ. އަދި މިފެން ރައްކާކުރުމަށް 1.8 މިލިއަން ލީޓަރުގެ ފެން ރައްކާކުރެވޭނެ 2 ތާންގީވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް އެއްލަކަ ލީޓަރުގެ ތާންގީއެއްވެސް ވަނީ ބަހައްޓާފައެވެ.

މިމަސްރޫގެ ދަށުން އޭދަފުށީގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފެނުގެ ޙިދުމަތައް އެދުނު ސަރުކާރުގެ މުއައްސަސާ ތަކަށްވެސް ފެނުގެ ޙިދުމަތް ވަނީ ގުޅާދީފައެވެ. މިމަސައްކަތައް 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާ މިމަސައްކަތަކީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް، އޯފިޑް އާއި ސަރުކާރުން ކުރިއަށްގެންްދިޔަ މަސްރޫއެކެވެ.