ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫއާމެދު ރައްޔިތުން އުންމީދުން ފުރިފައި


ގދ. ފަރެސްމާތޮޑާ އެއާޕޯޓު އެޅުމުގެ މަޝްރޫއާއަކީ ތަރައްގީގެ ގޮތުން އެރަށަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި، އެއީ އެރަށުގެ ތަރައްޤީއަށް އެތައް ދޮރުތަކެއް ހުޅުވިގެންދާނެ މަޝްރޫޢެއްކަމަށް ފަރެސްމާތޮޑާ ކައުންސިލުން ބުނެފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އެ ރަށުގައި އެއަރޕޯޓު އެޅުމަށްޓަކައި، އެއަރޕޯޓު ހިމެނޭ ޞަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމަށް ބިން ހިއްކަމުން ދަނީ އެރަށު އިރުމަތި ފަރާތު ފަޅު ތެރެއިންނެވެ. އެގޮތުން އެއަރޕޯޓު އެޅުމަށްޓަކައި އެރަށުގެ ފަޅުން 19.8 ހެކްޓަރުގެ ސަރަޙައްދެއް ހިއްކަން ނިންމާފައިވާއިރު ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ އެއަރޕޯޓު މަޝްރޫއަކީ އެރަށު ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ އެއަރޕޯޓު ވެގެން ދާނީ އެ ރަށުގެ ތަރައްޤީގެ މައި ނާރު ކަމުގައިި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފަރެސްމާތޮޑާ އަކީ މަސްވެރިކަމުގެ ރަށެއް. އަބަދަކު މަހެއް ނުބާނާ. އެހެން ނަމަވެސް އެއަރޕޯޓާއެއްކޮށް މިރަށަށް ޓޫރިޒަމް އަންނާނެ. އެ ދެކަމުން އަޅުގަނޑުމެން ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރަނީ. ފަރެސްމާތޮޑާ އެންމެންގެ އުއްމީދަކަށްވެފަ މިއޮންނަނީ މި އެއަރޕޯޓު. އެއަރޕޯޓަކީ ފަރެސްމާތޮޑާގެ ތަަރައްގީގެ މައި ނާރަކަށް ވެގެންދާނެ،" ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީއާ ހަވާލާދީ އެރަށު ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އެޅުމުގެ މަޝްރޫޢު ކުރިއަށްދާއިރު، އެއަތޮޅު ކާޑެއްދޫ އެއަރޕޯޓްވެސް ދަނީ ވައިގެ ދަތުރުފަތުރުތަކުގައި ބޭނުންކުރަމުންނެވެ. ނަމަވެސް ކާޑެއްދޫ އެއަރޕޯޓު އޮންނަނީ ވަރަށް ދުރުގައި ކަމުން ފަރެސްމާތޮޑާއާއި އެ ރަށު ކައިރީ ރަށްތަކުން މާލެ ދަތުރުކުރަ ވަރަށް ގިނަ ވަގުތާއި ފައިސާ ހޭދަވެއެވެ. އެގޮތުން ކާޑެއްދޫއިން މާލެދިއުމަށް ނަގާ ޓިކެޓްގެ އަގަށްވުރެ ދެގުނަ ބޮޑު އަގުގައި ލޯންޗު ފަހަރު ކުއްޔަށް ހިފަންޖެހުމާއި، ކަނޑުގަދަ ދުވަސްތަކުގައި އެދެމެދުގައި ދަތުރުނުކުރެވުންފަދަ ދަތިތައް ކުރިމަތިވާކަމަށް ޕީއެސްއެމާ ވާހަކަދެއްކި ފަރެސްމާތޮޑާ ރައްޔިތުން ބުންޏެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢާއި، އެއަރޕޯޓް އެޅުމަށް ބިންހިއްކުމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓްގައި 40.3 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ގދ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ހުވަދު އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ފަރެސްމާތޮޑާއާއި، ކައިރީ ރައްރަށުގެ ރައްޔިތުން ތިބީ މި މަޝްރޫޢު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އުންމީދުން ފުރިފައެވެ.