ޚަބަރު

ތިނަދޫ ވޯޓަރ ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި


ގދ. ތިނަދޫގައި ސަރުކާރުން ހެދި ވޯޓަރ ޕާކު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޒުވާނުންނާއި ކުޑަކުދިންނަށް ކުޅިވަރު ކުޅޭނެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ޤާއިމްކުރި ވޯޓަރ ޕާކު ހަލާކުވެފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން، އަލުން އެ ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ގދ. ތިނަދޫގައި ހުންނަ ޒޯން 7 ސްޓޭޑިއަމްގެ އިސްނެގުމުގެ މަތިންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ޒޯން 7 ސްޓޭޑިއަމްގެ ރީޖަނަލް މެނޭޖަރު، އިބްރާހީމް ޝަފްރާޒު ވިދާޅުވީ ވޯޓަރ ޕާކު ހަލާކުވުމާ ގުޅިގެން، އެތަނުގައި ބަހައްޓާފައި ހުރި ތަކެތި ޒޯން ސްޓޭޑިއަމްގައި ހުންނަތާ އަހަރެއްހާ ދުވަސްވެދާނެ ކަމަށެވެ. އަދި ވޯޓަރ ޕާކު މަރާމާތުކުރަން ނިންމީ މިއަހަރުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރުމަށްޓަކައި އެސަރަހައްދަށް ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ދެހަފްތާ ތެރޭގަ އެއްކޮށް ހުރިހާ އެއްޗެއް މަރާމާތުކުރުމަށްފަހު އެޅޭނެ ކަމަށް މި ބަލަނީ. މި ވަގުތަށް މީނީ ވަރަށް މަދު އެއްޗެއް އަޅާފަ. ފަހެއް ނޫނީ ހައެއްކަ ބެޑު މަރާމާތު ކުރުމަށްފަހު އަޅާފަ މިވަނީ،" ޝަފްރާޒް ވިދާޅުވިއެވެ.

ތިނަދޫ ވޯޓަރ ޕާކް މަރާމަތު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ޒޯން 7 ސްޓޭޑިއަމްގެ މުވައްޒަފުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ، ކާޑެއްދޫ ޕޯސްޓުގެ ބައެއް މުވައްޒަފުންނެވެ. ގދ. ތިނަދޫގައި ސަރުކާރުން އަޅައިދިން ވޯޓަރ ޕާކަކީ ފަސް ލައްކަ ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ ޕާކެކެވެ.