ޚަބަރު

ވިލާ ކޮލެޖުގެ 4 ކޯހެއް ގދ. ތިނަދޫގައި ފަށަނީ


ވިލާ ކޮލެޖުން ގދ. ތިނަދޫގައި އަންނަ އަހަރު ހަތަރު ކޯހެއް ފަށަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ކޮލެޖުގެ ޑިރެކްޓަރ މާރކެޓިން އެންޑް ކޮމިއުނިކޭޝަންސް، ނިޒްނާ އަލިދީދީ ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީމަހު އެކޮލެޖުން ފަށާ ކޯސްތަކުގެ ތެރެއިން ތިނަދޫގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަކީ، ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓާއި، ފައުންޑޭޝަން އިން ސައިކޮލޮޖީއާއި، ސެޓްފިކެޓް 4 އިން ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް އަދި އޭސީސީއޭ ނޮލެޖް ލެވެލް ކަމަށެވެ.

އޭނާ ވިދާޅުވީ، މިއިން ކޮންމެ ކޯހެއްވެސް ފަށާނީ އެކޯހަކަށް އެދި ހުށަހަޅާ ކުދިންގެ އަދަދު 15 އަށްވުރެ ގިނަވާ ނަމައެވެ. އަދި ކޯސްތަކުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަމަށެވެ.

ނިޒްނާ ވިދާޅުވީ އެ ކޮލެޖުގެ ލަރނިންގ ސެންޓަރު ތިނަދޫގައި ޤާއިމުކުރުމަށް އިމާރާތެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރމުންދާކަމަށެވެ. އަދި ކޯސްތަކަށް ކުދިން ހަމަވާނަމަ، ފެބްރުއަރީ މަހު ކިޔެވުން ފެށެންވާއިރަށް އިމާރާތެއް ނަގައި، ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކޮލެޖެވެ. ވިލާ ކޮލެޖުން ގެންދަނީ އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ ކޯސްތައް ހިންގަމުންނެވެ.