ޚަބަރު

ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވާނަން- ޓުއަރިޒަމް މިނިސްޓަރ


ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ދެމިހުންނަވާނޭކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، އއ.ރަސްދޫގެ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުކުރައްވާ، އެފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ހަފްތާ ބަންދުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އއ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ އިތުރުން، އެރަށުގެ މުޢައްސަސާތަކާއި ރަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ ގެސްޓް ހައުސް ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިކަންކަމަށް ހައްލު ގެނައުމުގެ މަޤްސަދުގައި ބާއްވާ މަހާސިންތާއެއް މިމަހުގެ ނަވާވީހުގައި ބާއްވާނެކަމަށް އިއުލާންކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ބައްދަލުކޮށް، މައްސަލަތަކަށް ހައްލު ހޯދުންކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަރާރިކުރާ ރަށްތަކަށް، ފަތުރުވެރިކަމުގެ ރިޒޯޓު ހިންގާ ރަށްތަކަށް، ސަފާރީ ކްރޫޒްލައިން މި އިންޑަސްޓްރީގަ ހުރި ހުރހާ އެންމެން ގާތަށް ދިއުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު ﷲ އިރާދަކުރެއްވިއްޔާ މިމިނިސްޓްރީ ހިންގާނީ ހުރިހާ އެންމެނަށް ސާރވިސްދޭ ހުރިހާ އެންމެންގެ ވުޒާރާއެއްގެ ގޮތުގައި" މިނިސްޓަރ ވިދާޅުވިއެވެ.

ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް އއ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވިއެވެ. އަދި ރަސްދޫ ކައުންސިލާވެސް ބައްދަލު ކުރެއްވިއެވެ. މީގެއިތުރުން އއ. ރަސްދޫގައި ހިންގަމުންދާ ގެސްޓް ހައުސްތަކުގެ ވެރިންނާ ބައްދަލުކުރައްވާ، ގެސްޓް ހައުސް ހިންގުމަށް ހުރި ދަތިތައް އޮޅުންފިލުވައި މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުން ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފާހަގަކުރީ ކުނީގެ މައްސަލަކަމަށެވެ. އަދި މިއީ ހަމައެކަނި ރަސްދޫއިން ލިބުނު ޝަކުވާއެއް ނޫންކަމަށާއި އެހެން ރަށްރަށުންވެސް އަދި ފަތުރުވެރިކަމާބެހޭ އެހެން ފަރަތްތަކުންވެސް މިމައްސަލަ ފާހަގަކުރާކަން މިނިސްޓަރ ފާހަގަކުރިއެވެ. މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ.

ގެސްޓް ހައުސްތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޓުއަރިޒަމް މިނިސްޓަރ ވަނީ ރަސްދޫގެ ބައެއް ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރތައް ބައްލަވާލައްވާފައެވެ. އަދި ރަސްދޫގެ ކުނިކޮށި ސަރަހައްދަށްވެސް ޒިޔާރަތްކުރެއްވިއެވެ. މީގެއިތުރުން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެހޮސްޕިޓަލުގައި ފަތުރުވެރިންނަށް އެންމެ ގިނައިން ފަރުވާދޭން ޖެހޭ ކަންކަމާބެހޭ މައުލޫމާތުވެސް މިނިސްޓަރ އޮޅުން ފިލުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރަމުންދާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި މިކަންކަމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނޭކަމަށެވެ.