ވިޔަފާރި

ކޮންޑެނާސްޓް ޓްރެވަލާރގެ ގޯލްޑް ލިސްޓުގައި ރާއްޖޭގެ ދެ ރިޒޯޓެއް


ކޮންޑެ ނާސްޓް ޓްރެވަލާރގެ ގޯލްޑް ލިސްޓުގައި ރާއްޖޭގެ ދެރިޒޯޓެއް ހިމެނިއްޖެއެވެ.

އެމެރިކާގެ ލަގްޒަރީ ލައިފްސްޓައިލް މެގަޒިން، ކޮންޑެ ނާސްޓް ޓްރެވަލާގެ އެޑިޓަރުންގެ މެދުގައި އެންމެ މަޤުބޫލު ހޮޓެލް، ރިޒޯޓުތައް ހިމެނޭހެން ނެރޭ ގޯލްޑް ލިސްޓުގައި ހިމެނިފައިވަނީ ބ.އަތޮޅުގައި ހުންނަ ފަސްތަރީގެ އަމިއްލަ ފުށި ރިސޯޓު އަދި ސޮނެވާ ފުށި ރިޒޯޓެވެ.

މިދެ ރިޒޯޓަކީވެސް ފަތުރުވެރިންނަށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ނަންމަޝްހޫރު ދެ ރިޒޯޓެވެ. އަދި ލަގްޒަރީ މާރކެޓްގައި މަޝްހޫރު ދެ ރިޒޯޓުވެސްމެއެވެ.

ކޮންޑެ ނާސްޓްގެ ނިއު ޔޯކް އަދި ލަންޑަން އޮފީހުގެ އެޑިޓަރުން އެކުލަވާލާ މިލިސްޓުގައި ހިމެނޭނީ ދުނިޔޭގެ ހަ ބައްރަކުން، 36 ޤައުމެއްގެ އެޑިޓަރުން ހޮވާ ހޮޓެލް، ރިޒޯޓެވެ.

މިލިސްޓުގައި ހިމެނޭނީ 2019 އަހަރު ފަތުރުވެރިން ދަތުރުކުރުމަށް ކޮންޑެ ނާސްޓް އެޑިޓަރުން ލަފާދޭނެ ތަންތަނެވެ. ގޯލްޑް ލިސްޓްގައި ހިމެނޭނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ގިންތީގެ ހިދުމަތްތައް ފޯރުކޮށްދޭ، ފަސްޓް ކްލާސް، ލަގްޒަރީ ތަންތަން އެކަންޏެވެ.