ޚަބަރު

އެއަރޕޯޓްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމުގެ ކެމްޕޭނެއް އިފްތިތާޙް ކޮށްފިއެވެ.

"ރިޑިއުސް ޕްލާސްޓިކް" ނުވަތަ ޕްލާސްޓިކް މަދު ކުރުމުގެ ނަމުގައި އެމްއޭސީއެލްއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މަޤްޞަދަކީ "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދު ކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރަން ހަމަޖެހިފައިވާ ބިއްލޫރި ފުޅިއާއި ފޮތި ކޮތަޅުވެސް މިއަދުވަނީ ބޭނުންކުރަން ފަށާފައެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ބޮޑެތި ކުންފުނިތަކާ އަޅާބަލާއިރު އެމްއޭސީއެލްއަކީ ތިމާވެއްޓަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަންދޭ ކުންފުންޏެއް ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅާއި ފުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރުން މުޅިން ހުއްޓާލުމަށް އެކުންފުނިން ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެންވަޔަރަމެންޓް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި ބަލަން. މި އެލިމިނޭޓް ކުުރުމަށް ވިސްނާ ކޮތަޅު އަދި ޕްލާސްޓިކް ފުޅި އެލިމިނޭޓް ކުރުމުގައި އެއަރޕޯޓްގައި ޙަރަކާތްތެރިވާ ގިނަ އޭޖެންސީ ތަކެއްވެސް ހިމެނޭ. އެހެންވީމާ އެމްއޭސީއެލްގައި އަޅުގަނޑުމެންނަށް ފުރުޞަތު އެބައޮތް މި ކަމުގައި ކުރި އެރުން ހޯދަން" އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އެމްއޭސީއެލުން ފެށި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ފަށާފައިވާ އެންވަޔަރަމެންޓް ޕްރޮޓެކްޝަން ޕްރޮގްރާމް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިސްނަންގަވައިގެން ޤައުމީ ޙަރަކާތެއްގެ ގޮތުގައި މި ޕްރޮގްރާމް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މިހާރުވެސް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުންވަނީ ހުއްޓާލާފެއެވެ.