ރިޕޯޓް

ރާއްޖޭގައި ބާއްވާ ފުރަތަމަ މަންތާ ފެސްޓިވަލް މާދަމާ ދަރަވަންދޫގައި ފަށަނީ


ބ.އެޓޯލް މަންތާ ފެސްޓިވަލް މާދަމާ ފަށާއިރު މިފެސްޓިވަލްއަށް ބޭއްވުމަށް ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ނިމިފައިވާކަމަށް ބަޔޯސްފިއަރ ރިސާވް އޮފީހުން ބުނެފިއެވެ.

ރާއްޖެގައި ފުރަތަމަ ފަހަރަށް ބާއްވާ މަންތާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މަންތާ ފެސްޓިވަލްގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ބ.އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެންމަޑިއާބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ އައުޓް ރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވީ މާދަމާ ފެސްޓިވަލް ފަށާއިރު މިފެސްޓިވަލް ބޭއްވުމަށް ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް މިހާރު ނިމިފަވާކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދިޔައީ މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެންކަން އޭނާ ފާހަގަކުރިއެވެ.

މަންތާ ފެސްޓިވަލް މާދަމާ ފަށާއިރު މިފެސްޓިވަލްގައި 22 ސްޓޯލްއެއް ހުންނާނެއެވެ. މިސްޓޯލްތަކުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުމާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތަކުގެ މައުލޫމާތުދިނުން އޮންނާނެއެވެ.

ދެދުވަހުގެ މުއްދަތަކަށް ދަރަވަންދޫގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މިފެސްޓިވަލްއަށް ދަރަވަންދޫ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މަންތާ ފެސްޓިވަލަކީ މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންތާ ޓްރަސްޓް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވްއާ ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.

މިފެސްޓިވަލާ ގުޅުވައިގެން ކުރެހުމުގެ މުބާރާތަކާއި އަދި ފޮޓޯގްރަފީ މުބާރާތެއް ބާއްވާފައިވާއިރު މުބާރާތުން ވަނަތަކަށް ހޮވޭ ފޮޓޯތައް މަންތާ ފެސްޓިވަލުގައި އާއްމުންނަށް ދައްކާލުން ކުރިއަށްދާނެއެވެ.