ޚަބަރު

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ: ޤާނޫނީ ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޢިލްމީ ބޭފުޅެއް


  • ޝަރުޢީ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވި

  • މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދައުލަތުގެ ތިން ބާރު އޮންނަނީ ވަކިވެފައެވެ. މިގޮތުން އަދުލު އިންސާފުގެ ބާރުގެ އެންމެ އިސް ފަރާތެއް ގޮތުގައި ހުންނަވަނީ އުއްތަމަ ފަނޑިޔާރެވެ. އެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ ޤާނޫނީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ޢިލްމީ ބޭފުޅެކެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވަމުން ގެންދެވި އަބްދުލްޣަނީ މުޙައްމަދު ޤާނޫނީ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގެންނެވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ހެއްދެވި ޑިގްރީއާއެކުއެވެ. މީގެ 25 އަހަރުކުރިން އަލްއަޒްހަރު ޔުނިވާސިޓީން އެމަނިކުފާނު ޑިގްރީ ހެއްދެވީ، ލޯ އެންޑް އިސްލާމިކް ޖުރިސްޕުރޫންޑެންސް އިންނެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާސް އޮފް އިސްލާމިކް ޖުޑީޝަލް ސައެންސް އެންޑް ޝަރީއާ ޕޮލިސީ ފުރިހަމަކުރައްވާފައެވެ. އަދި މިހާރު އެމަނިކުފާނު ގެންދަވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއަށް ކިޔަވާ ވިދާޅުވަމުންނެވެ. މިކަމުންވެސް ހާމަވަނީ ޢިލްމު ހޯއްދެވުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޝަޢުގުވެރިކަމުގެ ބޮޑުކަމެވެ.

އުނގެނުމުގެ އިތުރަށް އަދުލު އިންސާފުގެ ދާއިރާ އުންގަނަވައިދިނުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނު ގެންގުޅުއްވައެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރކަމާއި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޝަރުޢީ ދާއިރާގެ އެންމެ މަތީ މަޤާމަށް އެވަޑައިގެންނެވީ މަތީ ތަޢުލީމުގެ ތަޢުލީމުގެ އިތުރަށް، ޤާނޫނީ ދާއިރާގެ އެތައްއަހަރެއްގެ ތަޖުރިބާވެސް ހިއްޕަވައިގެންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ވުމުގެ ކުރިންވެސް އެމަނިކުފާނަކީ އަދުލު އިންސާފުގެ ދާއިރާގެ އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. މިގޮތުން އަލްއޒްހަރު ޔުނިވާސިޓީން ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެވަޑައިގެން، 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއިހަމައަށް އެމަނިކުފާނު ވަނީ ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ފަހުން 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. ހައިކޯޓުގެ އިސް ފަނިޔާރުކަން އެމަނިކުފާނު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާހަމައަށް ފުރުއްވާފައެވެ. މީގެ އިތުރުން މިމުއްދަތުގެ ތެރޭގައި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމާއި ރައީސްކަންވެސް ކުރައްވާފައެވެ.

އެމަނިކުފާނު ހައިކޯޓުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވިއިރު ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ. 2018 އާއި ޖެހެންދެން ހައިކޯޓުގައި އެމަނިކުފާނު ހުންނެވީ ފަނޑިޔާރަކަށެވެ. އޭގެ ފަހުން ސުޕްރީމް ކޯޓަށް އެއަހަރު ޖޫން މަހު އައްޔަން ކުރެވި، 2019 ވަނަ އަހަރު ޑިސެމްބަރު މަހާ ހަމައަށްވެސް ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ.

އޭގެފަހުން މިދިޔަ އަހަރުން ފެށިގެން އެމަނިކފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމުގައެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ ތަޢުލީމީ ބޭފުޅެއްގެ އިތުރަށް 25 އަހަރަށްވުރެ ގިނަ ދުވަހުގެ ޤާނޫނީ ތަޖުރިބާވެސް ލިބިިވަޑައިގެން ހުންނެވި ބޭފުޅެކެވެ.