ޚަބަރު

ފަޤީރުންނަށްދޭ މިންވަރު އިތުރުކޮށް، ޟަރޫރީ ބޭނުންތަކަށް ފަހި ގޮތަކަށް ޒަކާތުގެ ނިޒާމު ބަދަލުކުރަނީ


  • މަހާސިންތާއިން ލިބޭ ޢިލްމީ އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު ބައްޓަންކުރެވޭނެ

  • ފަޤީރުންނަށްދޭ އެހީ އިތުރުކުރުމަށް ތަޞައްވުރެއް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރަމުން

ފަޤީރުންނަށްދޭ މިންވަރު އިތުރުކޮށް، ޟަރޫރީ ބޭނުންތައްވެސް ފުއްދައިދޭގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިދިޔަ އަހަރުގެ މަހާސިންތާއިން ލިބުނު ޢިލްމީ ރަޢުޔާއި އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު ބައްޓަންކުރަމުން އަންނަކަމަށެވެ. މިފަހަރުގެ މަހާސިންތާއިންވެސް ނިޒާމު ހަރުދަނާކޮށް، ތަރައްޤީކުރުމަށް މުހިންމު މަޝްވަރާތަކެއްކުރެވި، މަޢުލޫމާތުތަކެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ޤާނޫނު އެކުލަވާލީވެސް، ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ. މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މަޢުލޫމާތުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އެކުލަވާލާފައިވާ ބިލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުން އެކުލަވާލާފައިވާ ޒަކާތުގެ ޤާނޫނުތަކުގައި ނެތް ބައެއް ބައިބައި، ރާއްޖޭގެ ޒަކާތުގެ ޤާނޫނުގައި ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިދާރީ މެނޭޖްމެންޓާއި ޝަރުޢީ ހަމަތައް ގުޅިލާމެހިފައި ވަނީ ޤާނޫނުގައި. އިންވެސްޓްމެންޓަށް ފުރުޞަތުދީފައިވޭ. މިއީ އެހެން ޤާނޫނެއްގައި ހުރި ސިފަތަކެއް ނޫން. ޝަރުޢީ ކޮމިޓީގެ ވާހަކަ ޤާނޫނުގައި އެބައޮތް. އިންވެސްޓްކުރާނެ ހަމަތަކުގެ ވާހަކަ އެބައޮތް. މި ޤާނޫނު ވާނީ ފުރިހަމަ ތަނަވަސް، އަދި ޒަކާތުގެ ނިޒާމު އައު އުސްމިނަކަށް ގެންގޮސްދޭނެ ޤާނޫނަކަށް. ޒަކާތުގެ ދާއިރާގައި އިސްނަގާ ޤައުމަކަށް ރާއްޖެވުމަށް އަޅުގަނޑުމެން ބޭނުންވަނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. ފަޤީރު މީހާއަށް ދިރިއުޅުމުގައި ބޭނުންވާ ޟަރޫރީ އެކި ކަންކަމަށް އެހީ ދިނުމުގެ ތަޞައްވުރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމާއި ބޭސްފަރުވާއާއި ތަޢުލީމަށް ޚަރަދުކުރެވިދާނެ. މިގޮތަށް ތަރައްޤީކުރެވިއްޖެއްޔާ ހެޔޮ މުޖުތަމަޢެއް އުފެދޭނެ." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ މިހާރު ފަށާފައިވާއިރު، މިއަހަރުގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ.

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ބޭއްވުމުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމެވެ.