ޚަބަރު

ސުނާމީ ހައުސިން ޔުނިޓުތަކުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރުން ސަރުކާރަށް ދައްކަންޖެހޭ 150 މިލިއަން ރުފިޔާ ނުލިބޭ - އޮޑިޓް


ސުނާމީއާ ގުޅިގެން ގއ. އަތޮޅުގެ ހަތަރު ރަށެއްގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން ސަރުކާރަށް ދައްކަން ޖެހޭ 150 މިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ޢާންމުކޮށްފައިވާ އެ މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ވާ ގޮތުގައި އެ މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްތަކާ ޙަވާލުވި ވިމްލާ ކޮންސްޓްރަކްޝަނުން ސަރުކާރުގެ އިދާރާތަކަށާއި ދައުލަތުގެ ބައެއް ކުންފުނިތަކަށް އަނބުރާ ދައްކަންޖެހޭ 37.90 މިލިއަން ރުފިޔާ އަދިވެސް ހުރީ ނުދައްކައެވެ.

އަދި މަސައްކަތުގެ ސަބް ކޮންޓްރެކްޓަރުގެ އުސޫލުން ޙަވާލުވި ފިލިޕީންސްގެ ޕާރފޯމަންސް ބިލްޑަރސް އެންޑް ޑިވެލޮޕަރސް ކޯޕަރޭޝަން (ޕީބީޑީސީން) ސަރުކާރުގެ އިދާރާތަކަށާއި ދައުލަތުގެ ބައެއް ކުންފުނިތަކަށް އަނބުރާ ދައްކަންޖެހޭ 43.15 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި މަޝްރޫޢުގެ ބޭނުމަށް ޕީބީޑީސީން އޯޑަރު ދިނުމުން އެމްޓީސީސީ މެދުވެރިކޮށް ރާއްޖެ ގެނައި މުދަލަށް ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އެމްޓީސީސީއަށް ދިން ފައިސާގެ ތެރެއިން އެ ކުންފުނިން އަނބުރާ އެ މިނިސްޓްރީއަށް ދޭންޖެހޭ 68.81 މިލިއަން ރުފިޔާވެސް ނުލިބޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެ މަޝްރޫއު ހިންގާފައިވަނީ ގއ. ދާންދޫއާއި، ގއ. ވިލިގިއްޔާއި ގއ. މާމެންދޫގެ އިތުރުން ގއ. ނިލަންދޫގައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ނިލަންދޫގައި 50 ގެ، ވިލިގިލީގައި 77 ގެ، މާމެންދޫގައި 84 ގޭގެ އިތުރުން ދާންދޫގައި އެޅި 87 ގެއާއެކު މުޅި ޖުމްލަ 211 ގެއެއް ވަނީ އަޅާފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެމަސައްކަތް ކުރުމަށް ބަޖެޓު ކުރެވުނީ ސައުދީ ފަންޑުން ލޯނުގެ ގޮތުގައި ސަރުކާރަށް ލިބުނު 225.95 މިލިއަން ރުފިޔާއެވެ. ނަމަވެސް މަސައްކަތްތައް ނިމުނުއިރު ޖުމުލަ 382.53 މިލިއަން ރުފިޔާ އެ މަޝްރޫޢާ ގުޅިގެން ޚަރަދުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މަސައްކަތުގެ އަގު މަތިވެފައިވަނީ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ނަމަ އެ މަސައްކަތް ފުރަތަމަ ޙަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ވިމްލާ ކޮންސްޓްރަކްޝަން)އާ އެވެ. ނަމަވެސް މަސައްކަތް އަމިއްލައަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެކުންފުނިން ވަނީ މަޝްރޫޢުގެ މަސައްކަތް ފިލިޕީންސްގެ ތަފާތު ދެ ކުންފުންޏެއް ކަމަށްވާ އޭސްލީ އެލެކްސް ޕާރފޯމަންސް ބިލްޑަރސް (އޭއޭޕީބީ)އާއި ޕާރފޯމަންސް ބިލްޑަރސް އެންޑް ޑިވެލޮޕަރސް ކޯޕަރޭޝަން (ޕީބީޑީސީ)އާ އެކި ފަހަރުމަތިން ސަބްކޮންޓްރެކްޓް ކޮށްފައެވެ.

ނަމަވެސް މަސައްކަތް ނިމުން ލަސްވާތީ 2010 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ޕީބީޑީސީއާ ޙަވާލު ކުރެވުނެވެ. އެއަށްފަހު އެކުންފުނިން ކުރަމުން އައި މަސައްކަތް ކުރިއަށް ނުގެންގޮސް 2012 ވަނަ އަހަރު ހުއްޓާލުމާ ގުޅިގެން ޕްރޮޖެކްޓްގެ މަސައްކަތްތައް އަލުން ވިމްލާ ކޮންސްޓްރަކްޝަނާ 2013 ވަނަ އަހަރު ހަވާލު ކުރެވުނެވެ.

ސަބްކޮންޓްރެކްޓަރުންގެ ގޮތުގައި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވުނު ކުންފުނިތަކަށް، މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ނުގެންދެވުމުގެ ސަބަބުން، ވިމްލާ ކޮންސްޓްރަކްޝަނާ އަލުން މަސައްކަތް ޙަވާލުކުރެވުނު ނަމަވެސް، އެ ކުންފުންޏަށްވެސް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުގެންދެވުމުގެ ސަބަބުން، މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާފައި ވަނީ 2014 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި އަދި ދިވެހި ސިފައިންނާ މަސައްކަތް ޙަވާލުކޮށްގެންނެވެ.

ދައުލަތަށް ލިބެން ޖެހޭ 150 މިލިއަން ރުފިޔާގެ އިތުރުންވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހިނގާފައި ހުރި އުނި ކަންތައްތައް އެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށްވެސް އެ ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ދަންނަވާފައެވެ.