ޚަބަރު

ރާއްޖޭގެ ފުރަތަމަފަހަރަށް ހެލްތް ކެއަރ އިންސްޓިޓިއުޓް ޤާއިމުކުރަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ހެލްތް ކެއަރ އިންސްޓިޓިއުޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯ އިން ޖެނެރަލް އިލެކްޓްރިކްސް - ޖީއީ ހެލްކެއަރއާއި އެކު ސޮއިކޮއްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އެކްސެކެޓިވް ޑިރެކްޓަރ އަދި ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިހާދެވެ. މި އެއްބަސްވުމުގައި ޖެނެރަލް އިލެކްޓްރިކްސް - ޖީއީ ހެލްތް ކެއަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކްސެކެޓިވް އެންޑް ކަސްޓަމަރ އެންގޭޖްމެންޓް ފޯރ އެފްރިކާ، ސައުތް އޭޝިއާ އެންޑް އާސިއާން މާރުތް ސޭޓިއާއެވެ.

މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ އެޗްއާރ، އެޑްމިން ފާތިމަތު އާޝާން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ހެލްތް ކެއަރ އިންސްޓިޓިއުޓް ޤާއިމުކުރުމުން މިދާއިރާގެ ތަޖުރިބާކާރުން ބިނާކުރުމަށް ގިނަ ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލާނެކަމަށެވެ. މިއިންސްޓިޓިއުޓުން އެންމެ ފުރަތަމަ ހުޅުވާލާ އެކްސްރޭ ޓޭކްނީޝަން ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސް އެސްޓީއޯއިން ސްޕޮންސަރކުރުމަށް ހަމަޖެހިފައިވާކަން އާޝާން ހާމަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނެރަލް އިލެކްޓްރިކްސް - ޖީއީ ހެލްތް ކެއަރގެ އެކްސެކެޓިވް އެންޑް ކަސްޓަމަރ އެންގޭޖްމެންޓް ފޯރ އެފްރިކާ، ސައުތް އޭޝިއާ އެންޑް އާސިއާން، މާރުތް ސޭޓިއާ ވަނީ ވޭތުވެ ދިޔަ މަދު އަހަރުތަކުގެތެރޭގައި ރާއްޖެއިން ސިއްޙީ ދާއިރާގައި ހޯދާފައިވާ ހަލުވި ތަރައްޤީއަށް ތާރީފުކުރައްވާފައެވެ.

އެގޮތުން އެސްޓީއޯ އިން އުފައްދާ މި އިންޓިޓިއުޓް އުފެއްދުމަށް ޤާއިމުކުރާ ސްކިލް ލެބުން ތިއަރީ ކްލާސްތަކުގެ އިތުރުން ކޯހުގެ ބައިވެރިންނަށް އެންމެ ޒަމާނީ ވަސީލަތްތަށް ބޭނުންކޮށްގެން ޢަމަލީ ތަމްރީންދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މާރުތް ސޭޓިއާ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން އިމާރާތްކުރާ އިންސްޓިޓިއުޓުގައި ފުރަތަމަ ފިޔަވަހީގައި އެކްސްރޭ ޓެކްނީޝަނުން އުފެއްދުމާއި، މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޒަމާނީ ވަޞީލަތްތަކަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.