ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވައިފިނަމަ ނައިފަރުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފިއެވެ.
ރައީސް ޔާމީން ނައިފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގަތީ ނައިފަރަށް ވަޑައިގެން، ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ނައިފަރަށް ވަޑައިގަތުމުން ވަނީ ޅ.އަތޮޅުގެ ތާރީޚުގައިވެސް މިހާތަނަށް ވެރިއަކަށް ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޔާމީނަށް ދަންނަވާފައެވެ. ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ނައިފަރު ބަނދަރަށް ނިކުމެފައިވާ ރައްޔިތުންނާއި ސަލާމްކުރެއްވުމަށް އެމަނިކުފާނު އެއްގަޑިއިރަށްވުރެ ގިނަ އިރު ހޭދަކުރައްވާފައިވެއެވެ.
ނައިފަރުގައި ކުރިއަށްގެންގޮސްފައިވާ ދެ މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، މާލެ ފިޔަވާ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރައްޤީކުރި އެންމެ ބޮޑު ބަނދަރާއި އެންމެ ބޮޑު ހޮސްޕިޓަލް ތަރައްޤީކުރީ ނައިފަރުގައިކަމަށާއި އެއީ ރައްޔިތުން އެދޭ ތަރައްޤީކަމަށެވެ.
ރައީސް ވަނީ އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚަބުވެވަޑައިގެންފިނަމަ ނައިފަރުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި ނައިފަރުގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި އެ އަހަރުގެ ތެރޭގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ތަނަވަސް ޒުވާނުންގެ މަރުކަޒެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ޝައްކެއްވެސް ނެތްގޮތުގައި ނައިފަރަތަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށެއް. މިރަށުގައި ޒުވާނުންގެ މަރުކަޒެއް މިހާތަނަށް ނެތްއިރު އިތުރު ފުޓްސަލް ދަނޑުތަކާއެކު ހޮސްޕިޓަލާ އެއްފެންވަރެއްގެ ޒުވާނުންގެ މަރުކަޒު ފުރަތަމަ އަހަރުގެ ތެރޭގައި ތަރައްޤީކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މަސްވެރިންނަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވަން ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، މަސްވެރިނަށް ނަފާ ހޯދޭނެ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށެވެ. ތަޢުލީމާއި ސިއްހީ ދާއިރާއިން 85 އިންސައްތައަށްވުރެ ބޮޑު ބައެއް ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފެލިވަރުގައި މަސްބަންދުކުރާ އިތުރު ކޭނަރެއް ޤާއިމްކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން 2019 ވަނަ އަހަރުގެ ކުރިން ނައިފަރުގައި އައިސްޕްލާންޓެއް ޤާއިމްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރު ނިމޭއިރު އެމަނިކުފާނު ނެންގެވި ދަރަނި އަދާކޮށް ނިންމަވާނެކަމަށާއި އިތުރު ވެރިއަކަށް އެ ބުރަ އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ ތަނަވަސްވެގެންގޮސްފައިވާކަމަށާއި، އިންވެސްޓަރުން އިންވެސްޓްކުރަމުން އަންކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ނައިފަރުގެ ތަރައްޤީއަށް 292 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.