ޚަބަރު

އިންތިޚާބީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް މެންބަރުން ހޯދަން އިއުލާންކޮށްފި


މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކޮމްޕްލެއިންޓްސް ބިއުރޯތައް ނުވަތަ ޝަކުވާ ބަލައިގަންނަ މަރުކަޒުތައް ޤާއިމުކުރުމަށް މެންބަރުން ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާންގައި އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ކޮންމެ ބިއުރޯއަކަށް 3 މެންބަރުން ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށެއްގައި އަދި އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލަކުގައި ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ ޤާއިމުކުރާ މުއްދަތަކީ ރިޔާސީ އިންތިޚާބްގެ ވޯޓުލުން އޮންނަ ދުވަހުގެ 10 ދުވަސް ކުރިން ފެށިގެން އިންތިޚާބަށްފަހު 1 ހަފްތާގެ މުއްދަތަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިމުއްދަތުގެ ފަހުންވެސް މުއްދަތު އިތުރުކުރަންޖެހޭނަމަ އެކަން ކުރާނެކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯތަކުގައި މަސައްކަތްކުރުމަށް މީހުން ހޮވާނެ މިންގަނޑުތަކާއި، އެކަމާ ގުޅުން ހުރި މަޢުލޫމާތު އިލެކްޝަންސް ކޮމިޝަން ގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ރިޔާސީ އިންިތިޚާބު ބާއްވަން ހަމަޖެހިފައިވާ ތާރީޚަކީ ސެޕްޓެމްބަރު 23 އެވެ. އެހެންކަމުން ސެޕްޓެމްބަރ 13 ވަނަ ދުވަހުން ފެށިގެން ކޮމްޕްލެއިންޓްސް ބިއުރޯތައް ޤާއިމުކުރާނެއެވެ.