ލައިފް ސްޓައިލް

14 ހާސް އަހަރުކުރިން ފިހެފައިވާ ޕާނެއްގެ ކުނޑިތައް ފެނިއްޖެ


ތާރީޙީ ބިނާތަކާއި ތަކެތީގެ ދިރާސާތައް ކުރާ އާކެއޮލޮޖިސްޓުންގެ ބަޔަކަށް މީގެ 14 ހާސް އަހަރުކުރިން ފިހެފައިވާ ޕާނެއްގެ ކުނޑިތައް ފެނިއްޖެއެވެ.
އުރުދުންގެ ސަހަރާއެއްކަމަށްވާ ބްލެކް ޑެސާޓުން ފެނުނު ޕާނުގެ ބައިތަކަކީ ޕާނާ ގުޅޭގޮތުން މިހާތަނަށް ހޯދި އެންމެ ދުވަސްވީ ހޯދުމެވެ. ކުރިން ބެލެވިފައި އޮތީ އިންސާނުންގެ ކެއުމުގައި ޕާން ބޭނުންކުރަމުން އައީ މީގެ 9000 އަހަރު ކުރިން ކަމަށެވެ. ނަމަވެސް ފަހުން ފެނުނު ޕާނުގެ ކުނޑިތައް ދިރާސާކުރުމުން، މީގެ 14400 އަހަރުކުރިންވެސް ޕާން ބޭނުންކުރަމުން އައިކަން ހާމަވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިޕާން ތައްޔާރުކޮށްފައިވަނީ ގޮދަނާއި ބާލީން ތައްޔާރުކުރާ ފުށަކުންނެވެ. އަދި އެޒަމާނުގައި ޕާން ބޭނުންކޮށްފައިވަނީ ގިނަ މީހުން ބައިވެރިވާ ކެއުންތަކުގައި މަހާއެކު ކެއުމަށެވެ. އަދި މި ޕާނުގައި ހުންނާނީ މިހާރު ހުންނަ "މަލްޓި ގްރެއިން" ޕާނާ އެއްގޮތް ރަހައެއްކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޕާނަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި ކެއުމުގައި ބޭނުންކުރާ މައިގަނޑު އެއް ބާވަތެވެ. ނަމަވެސް ޕާނުގެ ތާރީޙާ ބެހޭގޮތުން މާގިނަ ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. އުރުދުންއިން 14 ހާސް އަހަރުވެފައިވާ ޕާނެއްގެ ބައިތައް ފެނުމުގެ ކުރިން، އެންމެ ދުވަސްވީ ޕާނުގެ ބައިތަކުގެ ގޮތުގައި ފެނިފައިވަނީ ތުރުކީން ފެނުނު 9000 އަހަރުވެފައި ހުރި ޕާނުގެ ބައިތަކެކެވެ.