ލައިފް ސްޓައިލް

ސައުދީން އިޔާދަކުރުވަނިވި ހަކަތަ އަށް 200 ބިލިއަން ޑޮލަރު ހޭދަކުރަނީ


މިހާތަނަށް ޤައުމަކުން އިއުލާންކޮށްފައިވަ އެންމެ ބޮޑު އިޔާދަކުރެވިނި ހަކަތަ، ނުވަތަ ސޯލަރ ޕަވަރ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ސަޢުދީ ޢަރަބިއްޔާގައި، އެޤައުމުގެ ސޮވެރިން ވެލްތް ފަންޑާއި، ޖަޕާނުގެ ޓެކްނޮލޮޖީ ކޮންގުލޮރޮމޭޓް ސޮފްޓުބޭންކް ގުޅިގެނެވެ.
ސޮފްޓްބޭންކް އަދި ސަޢުދީން ބުނީ މިމަޝްރޫއަކީ އެކި ބައިބަޔަށް ބަހާލައިގެން ކުރިޔަށް ގެންދާ މަޝްރޫއަކަށްވާއިރު، ފުރަތަމަ ފިޔަވައްސަށް 5 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 200 ބިލިއަން ޑޮލަރު މިމަޝްރޫއަށް ހޭދަވާނެއެވެ. 2019ވަނަ އަހަރާ ހަމަޔަށް މިމަޝްރޫގެ ދަށުން 7.2 ގިގަވޯޓްގެ އިޔާދަކުރެވިނި ހަކަތަ އުފައްދާއިރު، 2030ގެ ނިޔަލަށް މިމަޝްރޫ މެދުވެރިކޮށް 200 ގިގަވޯޓުގެ ކަރަންޓު އުފެއްދޭނެއެވެ. މުޅި ދުނިޔޭގައިވެސް މިހާރު އިޔާދަކުރެވިނި ހަކަތަ ބެނުންކޮށްގެން އުފެއްދެނީ އެންމެ 400 ގިގަވޯޓުގެ ކަރަންޓެވެ. މިމަޝްރޫ ފެށުމުން މިއީ ދުނިޔޭގެ އެންމެ ބޮޑު ސޯލަރ ޕަވަރ ޕްރޮޖެކްޓަށް ވެގެންދާއިރު، މިހާރު މިނަންލިބިފައިވަނީ 1.5 ގިގަވޯޓު ކަރަންޓު އުފައްދާ ޗައިނާގެ ޓެންފަރ ޑެޒަރޓް ސޮލާ ޕާކުގެ މަޝްރޫއަށެވެ.

ސަޢުދީ ޢަރަބިއްޔާއަށް މިހާ ބޮޑު އިޔާދަކުރެނިވި ހަކަތައިގެ މަޝްރޫއެއް ހިންގާނެކަން އިއުލާންކޮށްފައިވާއިރު، މިހާތަނަށް ސަޢުދީގައި ކަރަންޓު އުފައްދަމުން އައިސްފައިވަނީ ތެޔޮ އަންދައިގެނެވެ. ތެލުގެ މުއްސަދިކަން ލިބިފައިވާ ސަޢުދީގައި ޑޮމެސްޓިކް ބޭނުންތަކަށް ބޭނުންކުރާ ތެލަށް ބޮޑެތި ސަބްސިޑީތަކެއް ދީފައިވުމުގެ ސަބަބުން ޤައުމުގެ 60 އިންސަތަ ކަންރަންޓު މިހާތަނަށް އުފައްދަމުން އައިސްފައިވަނީ ތެޔޮ އަންދައިގެނެވެ. ނަމަވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކަށް، ޤައުމުގެ އެތެރޭގައި ބޭނުންކުރާ ތެލުގެ މިންވަރު އިތުރުވެ، ބޭރަށް ވިއްކަން ހުރި ތެލުގެ ރިޒާވަށްދަނީ އަސަރުކުރަމުންނެވެ. އެހެންކަމުން ކަރަންޓު އުފެއްދުމުގައި ތެލައް ވާ ބަރޯސާ ކުޑަކުރުމަކީ، ވިޔަފާރީގެ ނަޒަރަކުން ބޭރަށް ވިއްކާތެލުގެ ރިޒާވް އިތުރުކުރުމަށް އެޅޭ ފިޔަވަޅެކެވެ. އަނެއްކޮޅުން ސަޢުދީއަކީވެސް ޕެރިސް ކްލައިމެޓް ޗޭންޖު އެގްރީމަންޓުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. މިހާތަނަށްއައިއިރު ސަޢުދީއިން އެޤައުމުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް ދަށްކުރުމަށް ކުރިޔަށް ގެންދާނެ ޕްލޭންތަކެއް ކަޑައެޅާ އިއުލާންކޮށްފައެއް ނެތެވެ. ނަމަވެސް މިހާރު އިޔާދަކުރެވިނި ހަކަތައިގެ މި ޕްލޭނާއެކު ސައުދީން މިކަން ޙާޞިލްކުރުމަށް މަސައްކަތްކުރާނެ ގޮތް، މިވަނީ ކުޑަކޮށްސާފުވެފައެވެ.
ސޮފްޓްބޭންކުގެ ޗީފް މަސަޔޯޝީ ސޮން ބުނިގޮތުގައި މިމަޝްރޫ ނިމޭއިރު މިކަމަށް 200 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށާ، އެއީ ލޭބަރ ކޮސްޓާ، ޕެނަލްސްތަކާ، ބެޓެރިތަކާ، ޑިސްޓްރިބިއުޝަން ބޮކްސްތަކާ، އެހެނިހެން ޚަރަދު ލައިގެންކަމަށެވެ. އަދި މިމަޝްރޫޢު ފަށަނީ 1 ބިލިއަންގެ ލޯނަކުން ކަމަށާ، އިތުރަށް މަޝްރޫޢު ފުޅާކުރުމުގެ ހުރިހާ ޚަރަދެއް މަޝްރޫޢު ފަށައިގެން ފައިސާ ޖެނެރޭޓްކޮށްގެން ހޯދާނެކަމަށް އޭނާބުންޏެވެ.