ލައިފް ސްޓައިލް

އަތްތިލަ އަދި ފައިގެ ހަންގަނޑު ރީތިކުރަން ބޭނުންތަ؟


އާންމުކޮށް ސްކިންކެއަރގެ ނަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ސަމާލުކަން މިދެނީ ހަމައެކަނި މޫނުގެ ހަންގަނޑަށެވެ. މިހެންވެ މީހާގެ އަތްތިލަ އަދި ފައިގެ ހަންގަނޑަށް އެހާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހަމުގެ މައްސަލަތައް ދިމާވާތަން އާދެއެވެ.
ފައިގެ ފުންނާބުގެ ހަންގަނޑު ކުރަކިވުމާ، ކަނޑައިގެން ދިއުން، އަދި އަތްތިލައިގެ ހަންގަނޑު ބޯވެ ހަރުވުމަކީ ބައެއް ފަހަރު ފަރުވާކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ނަމަވެސް ގޭގައި ގެންގުޅޭ އެކި ތަކެތި ބޭނުންކޮށްގެން މިކަމަށް ހައްލުހޯދުމަށް ވަރަށް ފަސޭހަ ގޮތްތައް ހުރެއެވެ. ނަމަވެސް ފިހާރަތަކުގައި މިހާރު ހުންނަ ގިނަ ކްރީމްތަކާއި، އެހެނިހެން ބޭސްފަދަ ތަކެއްޗަކީ ވަގުތީ ހައްލެއްކަމުގައިވިޔަސް ހަންގަނޑަށް ގެއްލުންވާ ތަކެއްޗެވެ. ނަމަވެސް ގޭގައި އާންމުކޮށް ގެންގުޅޭ ބައެއް ތަކެތި ބޭނުންކޮށްގެން މިކަމަށް ބޮޑުހައްލެއް ގެނެވިދާނެއެވެ.
މިގޮތުން އަތްތިލަ އަދި ފައިގެ ހަންގަނޑު ރީތި ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.

ތާފަނާ ފެނުގައި އަތްތިލަ އަދި ފައި ސޯކް ކުރުން :

ތާފަނާ ފެނުގައި އަތްތިލަ އަދި ފައި ސޯކްކުރުމަކީ ހަންގަނޑު މަޑުކޮށް، ހަލާކުވެފައިވާ ހަންތައް ނައްތާލުމަށް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ފުރަތަމަ ފެން ހޫނުކޮށްފައި ދެ ފައި ލެވޭވަރުގެ ބާލިދީއަކަށް ފެންއަޅާށެވެ. ފެން ހިހޫވުމުން ދެފައި މީގެތެރެއަށްލާ 10 މިނެޓު ސޯކްކުރާށެވެ. އަދި ސޯކްކޮށްނިންމާފައި ފައި އުނގުޅާ ބުރުހަކުން މަޑުމަޑުން ފައިތިލަ އުގުޅާލާށެވެ. ފައިއެކުގައި އުގުޅާލުމަށްފަހު ފެންއެތިންނަގާ ތުވާލިކޮޅަކުން މަޑުމަޑުން ފޮހެލާށެވެ. ދެން ދެ އަތްތިލަ ތާފަނާފެން އަޅާފައިވާ ތަށިތެރެއަށްލާށެވެ. ލުމަށްފަހު 10 މިނެޓު ސޯކްކޮށްފައި ކުޑަ ތުވާލިކޮޅަކުން ފޮހެލާށެވެ.

ލުނބޯ ފޮއްޗަކުން ފައި ސްކްރަބް ކުރުން :

ދެން ލުނބޯ ފޮތި ކޮޅެއްގައި ހަކުރުއުގުޅާލާފައި އަތްތިލަ އަދި ފައި ސްކްރަބްކޮށްލާށެވެ. ސްކްރަބްކުރަންވާނީ ތަންކޮޅެއް މަޑުމަޑުންނެވެ. ސްކްރަބްކުރުމަށްފަހު ތާފަނާ ފެންކޮޅަކުން އަތްތިލަ އަދި ފައި ދޮވެފައި، ތުވާލިކޮޅަކުން މަޑުމަޑުން ފޮހެލާށެވެ.

ތެޔޮ އުގުޅުން :

އަތްތިލަ އަދި ފައި ސްކްރަބްކޮށް ދޮވުމަށްފަހު، ކަފަކޮޅެއްގައި ތެޔޮލުމަށްފަހު އަތްތިލަ އަދި ފައިގައި ކާތާލާށެވެ. މިއީ އަތް އަދި ފައިގެ ހަންގަނޑު މަޑުކޮށްބަހައްޓަން ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ.
މީގެއިތުރުންވެސް ގޭގައި އުޅޭއިރުވެސް އަތްތިލަ އަދި ފައިގެ ހަންގަނޑު މަޑުކޮށް ބެހެއްޓުމަށް ކުރެވިދާނެ އެކިއެކި ކަންކަންހުރެއެވެ. މިގޮތުން ނިދުމުގެ ކުރިން ވެސްލިން، ޒައިތޫނި ތެޔޮ ނުވަތަ ކާށި ތެޔޮ އަތްތިލަ އަދި ފައިގައި އުގުޅާށެވެ. މީގެއިތުރުންވެސް ފެންވަރާއިރު ފައި ސްކްރަބްކުރުމަށް މިކަމަށް ހާއްސަކޮށް ހުންނަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފައި ސްކްރަބްކުރާނަމަ، ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ ސްކްރަބްކޮށް ނިމުމާއެކު ވެސްލިން އަދި ކޮންމެސް ކަހަލަ ތެލެއް ބޭނުންކުރުން ރަގަނޅުވާނެއެވެ.