ކާނާ

ރެސިޕީ: ސަހްލަބު


މިއީ ރަމަޟާންމަހަށް ޚާއްސަކޮށް މިސްރުގައި ތައްޔާރުކުރަ ހޫނު ބުއިމެކެވެ. މޭފަސޭހަކޮށް ބަޑުހަމަޖައްސައިދޭ މިބުއިމަކީ ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:
2 ޖޯޑު ކިރު
½ ޖޯޑު ފެން
1 ސަމްސާ ކޯން ސްޓާޗް
1 ސަމްސާ ވެނީލާ އެސެންސް
2 ސަމްސާ ހަކުރު
ކުޑަ މުގުރި ފޮނިތޮށިކޮޅެއް
ހަކުރުލައި ހަނާކޮށްފައިހުރި ކުޑަ ހުނިކޮޅެއް

ތައްޔާރުކުރާނެ ގޮތް:
މަޑުގިނީގައި ތަވައެއްގައި ކިރު ހޫނުކުރާށެވެ. ވަކިން ތައްޓެއްގައި ކޯން ސްޓާޗް އަދި ފެން އެއްކޮށްލުމަށްފަހު ތާހުގައި ހޫނުކުރަމުންދާ ކިރުކޮޅުގެ ތެރެއަށް އެއްކުރާށެވެ. ދެން މީގެތެރެއަށް ވެނީލާ އެސެންސާއި ހަކުރުއަޅައި މިކްސްކޮށްލާށެވެ. އަދި ގިނި ގަދަކޮށްލައި ކިރުކޮޅު ރަގަޅަށް ކައްކާލާށެވެ. ކިރުއެތި ކައްކަމުންދާއިރު ދޭފަތަކުން ހުއްޓާނުލައި ގިރަމުންދާންވާނެއެވެ. ކިރު އޮލަވާންފެށުމުން މިހުރީ ސަހްލަބު ތައްޔާރުކުރެވިފައެވެ. ހޫނުކުޑަކޮށް މަޑުވުމުން ޖޯޑަށްއަޅައި އޭގެ މައްޗަށް ހުންޏާއި ފޮނިތޮށިކޮޅުއަޅައި ގާނިޝްކުރާށެވެ.