ކޮވިޑް-19ގެ ސަބަބުން ގޭގައި ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ލިބޭލެއް ދަތިވެ، އެކަމުގެ ޝަކުވާ އެންމެންވެސް މިދުވަސްވަރު ކުރެއެވެ. ހާއްސަކޮށް ރޯހަމަހު އާއްމުކޮށް ހޯދާ ބާވަތްތަކަށް މިވަނީ ދަތިވެފައެވެ. އެހެންކަމުން މިއަދުގެ ހާލަތަށް ވިސްނާއިރު، ލިބެން ހުރި އެއްޗަކުން ފުއްދާލަން ދަސްކުރަން އެބަޖެހެއެވެ.
ރޯދަމަހުގެ އެކި ވަގުތަކަށް ތަފާތު ވައްތަރުތައް ހަދާއިރު، ހާރުދަމަށް ގަރުދިޔަ ކެއްކުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އާއްމުކޮށް ރާއްޖޭގައި ގަރުދިޔަ ކައްކަނީ ކަނޑުމަސް، ކަންނެލި ނުވަތަ ފަރުމަހެވެ. ނަމަވެސް ގޭގައި ތިބެންޖެހުމުން ކަނޑުމަސް ލިބުމުގައި ދަތިތަކެއް ހުއްޓަސް ގަރުދިޔަ ކެއްކިދާނެ އެހެން ގޮތްތައްވެސް އެބަހުއްޓެވެ. ވަޅޯމަސް، މަސް ދަޅު ނުވަތަ ކުކުޅުގައިވެސް ގަރު ދިޔަ ހެދިދާނެއެވެ.
ވަޅޯމަހުގައި ގަރުދިޔަ ހަދާން ބޭނުންވާ ތަކެއްޗާއި، ހަދާ ގޮތް،
- ވަޅޯ މަސް (ބޭނުން ގޮތަކަށް ކޮށާފައި)
- ފިޔާ
- މިރުސް ( ތޮޅި ހިކި މިރުސް)
- ލޮނު
ތައްޔާރުކުރާނެ ގޮތް،
ފުރަމަ ތެއްޔެއްގައި ފެންއަޅާ ހޫނުކުރާށެވެ. ފެންގަނޑު ކެކުމުން މިރުސް، ފިޔާ އަދި ލޮނު އަޅާ 3-5 މިނެޓު މަތިޖަހާ މަޑުގިނީގައި ކައްކާކާށެވެ. ދެން މަތި ނަގާ ކޮށާފައި ހުރި ވަޅޯމަސްކޮޅު އަޅާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މިއަށްފަހު މަތި ޖަހާ މަޑުގިނީގައި 15-20 މިނެޓާއި ދޭތެރޭގައި ކައްކާލާށެވެ.
*ވަޅޯމަސް މަދުކުރަން ބޭނުމިއްޔާ ކުދިކޮށް ކޮށާށެވެ. އަދި ކައްކާވަގުތު އިތުރުކުރެވޭނެއެވެ.
ދަޅުމަސް ގަރުދިޔަ ހަދާނެ ގޮތާއި ބޭނުންވާނެ ތަކެތި
- ދަޅު މަސް (ދަޅުގައި ހުންނަ ފެން ނޫނީ ތެލުން ވަކިކޮށްފައި)
- ފިޔާ
- މިރުސް ( ތޮޅި ހިކި މިރުސް)
- ލޮނު
ތައްޔާރުކުރާނެ ގޮތް
މިއީ ކައްކާލަން އަދި މާފަސޭހަ ގަރުދިޔަ އެކެވެ. ތެއްޔެއްގެ ތެރެއަށް ފެން އަޅާ، އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، މިރުސް، އަދި މަހާއި ލޮނު އަޅާށެވެ. ދެން މަޑުގިނީގައި 20 މިނެޓު ކައްކާލަށެވެ.
ކުކުޅު ގަރުދިޔަ ތައްޔާރު ކުރާނެ ގޮތާއި ބޭނުންވާ ތަކެތި،
- ކުކުޅު ފައި ނުވަތަ ބޯންލެސް (ކުދިކޮށް ކޮށާފައި)
- ފިޔާ
- ހިކިމިރުސް
- ލޮނު
ތައްޔާރުކުރާނެ ގޮތް،
ތެއްޔެއްގައި ފެން އަޅާ މަޑުގިނީގައި އުދުންމަތީ ކައްކަން ޖައްސާށެވެ. ފެން ބޮކިޖަހަން ފެށުމުން ލޮނާއި ކުކުޅު އަޅާށެވެ. އެޅުމަށްފަހު ކުކުޅުން އުފެދޭ ގަރުތައް ކަނޑުމަހު ގަރުދިޔަ ހަދާއިރު ނަގާހެން ނަގާ ވަކިކުރާށެވެ. ކުކުޅު ރޯފިލަންދެން މިހެން ކައްކާށެވެ. އިރުއިރު ކޮޅާ ގަރު ނަގަން ޖެހިދާނެއެވެ. 20 މިނެޓެއްހާއިރު ކައްކާލާށެވެ. (ކަށި ހުންނަ ކުކުޅު ފައި ނުވަތަ މަސް ނަމަ ކައްކަން ޖެހޭ ވަގުތު އިތުރު ވާނެއެވެ)
ދެން ތެލިތެރެއަށް ފިޔާ އަދި މިރުސް އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މަޑުގިނީގައި 15-20 މިނެޓާއި ދޭތެރޭ ކައްކާލާށެވެ. މިހިރީ ކުކުޅު ގަރުދިޔަ ހެދިފައެވެ.
މިއީ އަޅުގަނޑުމެން އެންމެނަށް އެންމެ ކަމުދާ ކަޑުމަހު ގަރުދިޔަ އަށް ނުވެދާނެއެވެ. އެކަމަކު މިހާރުގެ ހަލަތަށް ވިސްނާ ތަފާތު ބާވަތުގެ ގަރުދިޔަތަށް ހެދިދާނެއެވެ.