ކާނާ

ޢީދަށް ޚާއްސަ : ޗިކަން ޓީކާ ބިރިޔާނީ


ޗިކަން ޓީކާއަކީ އާންމުކޮށް ގިނަ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އަދި ބިރިޔާނީއަކީވެސް ދިވެހިންގެ މެދުގައި މަޤުބޫލު ކެއުމެކެވެ. އެހެންވެ މިދެޑިޝް އެއްކޮށްގެން ހަދާ މި ޚާއްސަ ބިރިޔާނީ މީ ތައްޔާރުކޮށްލަން ރަގަނޅު އެއްޗެކެވެ.

ޓީކާ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
ކުކުޅު (4 ބްރެސްޓް، ކިއުބްކޮށް ކޮށާފައި)
ޔޯގަޓް (4 ސަމްސާ)
ލުނބޯ ހުތް (2 މޭޒުމަތީ ސަމްސާ)
އިނގުރު، ލޮނުމެދު (1 ސައިސަމްސާއަށް ވާވަރަށް މިކްސްކޮށްފައި)
ފަޅޯ (1 ސަމްސާއަށް ވާވަރަށް ޕޭސްޓްހެން މިކްސްކޮށްފައި)
ޗިކަން ޓީކާ މަސާލާ (1/2 ޕެކެޓު)
ޗިލީ ސޯސް ( 1 މޭޒުމަތީ ސަމުސާ)
½ ސައިސަމްސާ ކުލަ (އޮރެންޖު)
ޗާކޯލް (1 އިންޗީގެ އެކަތިކޮޅު)
ތެޔޮ (ފަސް މޭޒުމަތީ ސަމުސާ)

ބިރޔާނީ މަސާލާއަށް ބޭނުންވާނެ ތަކެތި:
3 ޖޯޑު ހަނޑޫ
1 ޖޯޑު ތެޔޮ
1 ފިޔާ (ކޮށާފައި)
1 ސަމްސާ ލޮނުމެދު އަދި އިނގުރު ޕޭސްޓްކޮށްފައި
½ ޕެކެޓް ބިރިޔާނީ މަސާލާ
މުގުރި ހިކި މިރުސް (1 ސަމްސާ)
ރަހަލާވަރަށް ލޮނު
2 ޖޯޑު ޔޯގަޓް
3-4 ފެހި ތޮޅި މިރުސް
2 ސަމްސާ ކޮރިއަންޑާ (ކުދިކޮށްކޮށާފައި)
ލުނބޯ (ތުނިކޮށް ކޮށާފައި)
1/8 ސައިސަމުސާ ކުލަ (އޮރެންޖު)

ޗިކަން ޓިކާ ތައްޔާރުކުރާނެ ގޮތް:
ބޯތައްޓަކަށް ކޮށާފައިހުރި ކުކުޅު ކޮޅު އަޅުމަށްފަހު ޔޯގަޓް (4 ސަމްސާ)، ލުނބޯ ހުތް (2 މޭޒުމަތީ ސަމްސާ)، އިނގުރު، ލޮނުމެދު (1 ސައިސަމުސާއަށް ވާވަރަށް މިކްސްކޮށްފަ)، ފަޅޯ (1 ސަމްސާއަށް ވާވަރަށް ޕޭސްޓްހެން މިކްސްކޮށްފަހުރި)، ޗިކަން ޓިކާ މަސާލާ (1/2 ޕެކެޓު)، ޗިލީ ސޯސް ( 1 މޭޒުމަތީ ސަމްސާ)، ½ ސައިސަމްސާ ކުލަ (އޮރެންޖު) އަޅާލައި ރަގަނޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުކޮޅު މެރިނޭޓްކުރުމަށް މަދުވެގެން 1 ގަނޑިއިރު ފްރިޖްގައި ބަހައްޓާށެވެ.

1 ގަނޑިއިރު ވުމުން ކުކުޅުކޮޅު ފްރިޖުން ނަގާށެވެ. އަދި ތާހަކަށް ތެޔޮކޮޅު އަޅާފައި މެދުގިނީގައި އުދުންމަތީގައި ހޫނުކުރަން ފަށާށެވެ. ތެޔޮކޮޅު ހޫނުވުމުން ކުކުޅުކޮޅު އަޅާ ރޯފިލުވަން ފަށާށެވެ. އަދި އިރުކޮޅެއް ވުމުން ކުކުޅުތަކުގެ ތެރެއަށް ކުޑަ ¼ ޖޯޑު ފެންކޮޅެއް އަޅައި ތާހުގެ މަތިޖަހާފައި ބަހައްޓާލާށެވެ.

ހޯދާފައިހުރި ކޯލްކޮޅުގައި ވަކިން އަލިފާންޖައްސައިގެން ރޯކުރާށެވެ.
ކޯލްކޮޅު ރޯވުމުން ތާހުގައި ކައްކަމުންދިޔަ ކުކުޅުތައް އެއްކައަރިކޮށްލާފައި ތާހުގެ މެދުގައި މައިކްރޮވޭވް ކުރެވޭ ޒާތުގެ ކުޑަ ޖޯޑެއް ބަހައްޓާފައި އޭގެތެރެއަށް ކޯލްކޮޅުލައި ތާހުގެ މަތިޖަހައި 5 މިނެޓެއްހާއިރު ބަހައްޓާށެވެ. 5 މިނެޓުވުމުން ތާހުގެ މަތިނަގައި ކޯލްލީ ޖޯޑު ތާހުން ނަގާށެވެ. ޓިކާ މިހިރީ ތައްޔާރުވެފައެވެ.

ބިރިޔާނީ ތައްޔާރުކުރާނެ ގޮތް:
ހަނޑޫ ދޮވެ ސާފުކުރުމަށްފަހު 10 މިނެޓެއްހާއިރު ވަންދެން ކައްކާލާށެވެ. (އެކުގައި ރޯފިލުވާނެކަމެއް ނެތް) ދެން ބޮޑު ތާހަކަށް 1 ޖޯޑު ތެޔޮއަޅައި ހޫނުކޮށްލުމަށްފަހު އޭގެތެރެއަށް ފިޔާކޮޅުއަޅައި މީރުކުރާށެވެ. ދެން ފިޔާކޮޅު މީރުވުމުން ތާހުގެ ތެރެއަށް 1 ސަމްސާ ލޮނުމެދާއި އިނގުރު ޕޭސްޓް، ½ ޕެކެޓް ބިރިޔާނީ މަސާލާ، މުގުރި ހިކިމިރުސް (1 ސަމްސާ)، ރަހަލާވަރަށް ލޮނު އަދި ޖޯޑު ޔޯގަޓް އަޅާ އެއްކޮށްލާ 4-5 ވަރަކަށް މިނެޓު ކައްކާލާށެވެ.

ދެން ބޮޑު ތެއްޔަކަށް 3 ލީޓަރު ފެންއަޅައި ބޮކިއަރަންދެން ފެންގަނޑު ހޫނުކޮށްލާށެވެ. ކެއްކި ފެންގަނޑުގެ ތެރެއަށް 3 ސަމުސާ ލޮނު، 2-3 ލުނބޯ ފޮތި، ލާށެވެ. އަދި މީގެތެރެއަށް ކުރިން ކެއްކި ހަނޑޫކޮޅުއަޅާ ފުއްތައް ވަކި ވަކިން ހުންނަ ވަރަސް ކައްކާލާފައި ފެންގަނޑު އުކާލާށެވެ. ކެއްކި ބަތް ވަކިން ބޯތައްޓަކަށް އަޅާށެވެ. އަދި ބަތް ކައްކަން ބޭނުންކުރި ތެއްޔަށް ބަތްއަޅައި އެއްވަރުކޮށްލާފައި އޭގެ މައްޗަށް ކެއްކި ކުކުޅުކޮޅު އަޅާށެވެ. ހުރިހާ އެއްޗެއް ހުސްވަންދެން މިގޮތައް ލޭޔަރ އަޅާލާށެވެ. އެންމެ ފަހުން 2 ސަމްސާ ކޮރިއަންޑާ އަދި ކުދިކޮށްކޮށާފައިވާ ތޮޅި މިރުސް ބަތްގަނޑު މައްޗަށް އަޅާލާށެވެ. ހުރިހާ އެއްޗެއްގެ މައްޗަށް އޮރެންޖުކުލަ ކޮޅެއް ބުރުއްސާލުމަށްފަހު ބަތްގަނޑު މަޑުމަޑުން އެއްކޮށްލާށެވެ.