ލައިފް ސްޓައިލް

އެންމެ ހަގު އަންހެން ސްކޭޓަރގެ ވާހަކަ އަޑު އެހިންތަ؟


ސްކައި ނަމަކަށްކިޔާ މި ކުޑަކުޑަ ކުއްޖާއަކީ ދުނިޔޭގެ އެންމެ ހަގު އަންހެން ޕްރޯ ސްކޭޓަރެވެ.
ޢުމުރުން އެންމެ 9 އަހަރުގެ ސްކައި އާއި އޭނަގެ ކޮއްކޮ ޢުމުރުން 6 އަހަރުގެ އޯޝަންއަކީ ވެންސްގެ ޕްރޮފެޝަނަލް ސްކޭޓް ބޯޑިން މުބާރާތިގައި ބައިވެރިވެ މުޅި ދުނިޔެއަށް ވިދާލި ދެތަރިނެވެ. އަދި ވަކިން ޚާއްސަކޮށް ސްކައި، ވެގެންގޮސްފައިވަނީ ދުނިޔޭގެ ސަމާލުކަން ހޯދި ކުއްޖަކަށެވެ.

ސްކައި އެންމެ ބޭނުންވަނީ ދުނިޔޭގެ އެކްސްޓްރީމް އެތްލީޓުން ބައިވެރިވާ އެކްސް ގޭމްގައި ބައިވެރިވާށެވެ. އެހެންނަމަވެސް އޭނާގެ ޢުމުރުން މާ ހަގުކަމަށްބުނެ އޭނާއަށް އަދި ވަނީ މިކަން ވާގޮތްނުވެފައިއެވެ.

އަހަރެން ވަރަށް ކުރާހިތްވޭ ބިރުގަންނަ ކަތްތައްތައް. ވަކިން ޚާއަސަކޮށް އެކްސް ގޭމްގައި ސްކޭޓްކުރަން ބޭނުންވަނީވެސް އަހަންނަކީ ކުޑަކުއްޖަަކަށްވެފައި ޢުމުރަކީ ހަމަ ޢަދަދެއްކަން ދައްކާލަންވެގެން. އެކަމު ކީއްކުރާނީ ޗާންސެއް ލިބޭގޮތެއް އަދި ނުވޭވިއްޔަ.

ސްކައި ބުންޏެވެ.

ސްކައި ބުނާގޮތުގައި އޭނާ ސްކޭޓްކުރަން ފެށީ އުމުރުން އެންމެ 4 އަހަރުގައިއެވެ. ފެށިދުވަސްކޮޅު ވެއްޓިދާނެތީ ބިރުގަތަސް މިހާރު އެބިރެއް ނެތްކަމަށް ސްކައި ބުންޏެވެ. އޭނާ ބުނާގޮތުގައި ވެއްޓޭނެއޭ ހިތަށް އަރުުވައިފި ނަމަ ވެއްޓޭނެއެވެ. އެކަމު ޕޮސިޓިވްކޮށް ވިސްނާފައި ނުވެއްޓޭނޭ ހިތަށް އަރުވައފިއްޔާ ނުވެއްޓޭނެކަމަށްވެސް އޭނާ ބުނިއެވެ. ސްކައި ގެ އެންމެ ބޮޑު ބާރަކީ އޭނާގެ ވިސްނުމެވެ. އޭނާ ދެކޭގޮތުގައި އަމިއްލަ ނަފުސަށް އިތުބާރު އޮވެއްޖެއްޔާ ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ. އެހެންކަމުން އޭނާގެ މޮޓޯއަކަށްވެސް ހަދައިފައިވަނީ ބިލީވް އިން ޔުއަރ ސެލްޕްއެވެ. ދުނިޔޭގެ އެންމެ ބޮޑު ސްކޭޓްބޯޑްކުންފުނީގެ ރައީސް ބޮޑް ބޮއިލް ބުނާގޮތުން ސްކައިއަކީ ވަރަށް ޚާއްސަކުއްޖެކެވެ. އެގޮތުން އޭނާކުރާކަންކަމަކީ ކޮންމެކޮންމެ ކުއްޖަކަށް ކުރެވޭނެ ކަންކަމެއްނޫނެވެ.

"އަހަރެންނަށް ސްކައިއާ ދިމާވުމުގެ ކުރިން ފުރަތަމަ ފެނުނީ އޭނަކުޑައިރު ސްކޭޓްކުރާތަން، ވައިރަލްވި ވިޑިއޯ. އަސްލު ހާދަ މޮޅޭއޭނަ. އެއީ ގާތްގަނޑަކަށް މީގެ 3 އަހަރު ކުރި ކަންނޭގެ"

ބޮޑް ބޮއިލް، ދުނިޔޭގެ ސްކޭޓް ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.

ސްކައިއަކީ ސްކޭޓް ކުރުމުގެ އިތުރުން ރާޅާ އެޅުމަށްވެސް އެހާމެ މޮޅު ކުއްޖެކެވެ. އެގޮތުން 4 އަހަރުން ފެށިގެން ރާޅާއަޅާ ސްކައި ބުނާގޮތުގައި އޭނާ ރާޅާއަޅާއިރު ވިސްނަނީ ރާޅުތަކާއި އޭނާ ހަނގުރާމައެއް ކުރަނީ ކަމަކަމަށެވެ.
2020 ވަނަ އަހަރު އޮލިމްޕިކްސަށް އަލަށް ސްކޭޓް ބޯޑިން ތަޢާރަފްކުރާއިރު ސްކައި އާއި އޭނާގެ ކޮއްކޮ އޯޝަންގެ ހުނަރު ބަލައިލަން އެތަށް ބަޔަކު ކެތްމަދުވެފައި ތިބޭނެކަން ޔަޤީނެވެ. މިހުރިހާ ކަމަކުންވެސް އެނގެނީ ސްކައި ބުނާ ފަދައިން "އޭޖް އިޒް ޖަސްޓް އަ ނަންބަރ" ނުވަތަ ޢުމުރަކީ ހަމައެކަނި ނަމްބަރެއްކަމެވެ.