ޚަބަރު

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު


  • ފަތުރުވެރިކަމަށް 68,544 އެނދު ވަނީ ނެރެފައި

  • މިއީ 1,323 ފެސިލިޓީއަކުން ނެރެފައިވާ އެނދު

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000އަށްވުރެ ގިނަ އެނދު ނެރެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފަސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ޖުމްލަ 68,544 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދެވެ. އެހެންކަމުން މިއީ 1,069 އެނދުގެ އިތުރުވުމެކެވެ.

ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 68,500 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,891 އެނދާއި، ގެސްޓުހައުސްތަކުގެ 17,268 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,481 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 179 ރިސޯޓު، 956 ގެސްޓުހައުސް، 172 ސަފާރީ، އަދި 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,323 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، 33،513 ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ. އަދި ސަފާރީތަކުގައި 26،550 ފަތުރުވެރިންވަނީ ޗުއްޓީ ހޭދަކޮށްފައެވެ.