ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: ކައުންސިލްތަކާއި ގުޅިގެން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • ކައުންސިލްތަކާއެކު ތަކެތި ހުށައެޅޭނީ އަމިއްލަ ފަރުދެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ފަހު

  • މުއްދަތު އުތުރުކުރީ ބުރާސްފަތި ދުވަހުގެ ނިޔަލަށް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، އަމިއްލަ ފަރުދުންގެ ދާއިރާގެ ތެރެއިން ކައުންސިލްތަކާއި ގުޅިގެން ބައިވެރިވާން ބޭނުންވާ މީހުން އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2026އަށް ހުޅުވާލިއިރު، މިފަހަރު ކައުންސިލްތަކުގެ ބައިގެ އުސޫލަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މި އުސޫލު ފުރަތަމަ ނެރުނުއިރު، ކައުންސިލްތަކުން ބައިވެރިވެވޭ ބައި އޮތީ މިއަހަރު އުވާލާފައެވެ. ނަމަވެސް ގިނަ ކައުންސިލްތަކަކުން އެދެމުންދާތީ، އުސޫލަށް ބަދަލުގެނެސް އަލުން ވަނީ ކައުންސިލްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ވިދާޅުވީ ކައުންސިލްތަކުން ބައިވެރިވުމުގެ ފުރުޞަތު ދިން ނަމަވެސް، މިފަހަރު އެކަމުގެ އުސޫލަށް ބޮޑެތި ބަދަލުތައް ގެނެސްފަވާކަމަށެވެ. މިދިޔަ އަހަރު އެ ފުރުޞަތު ދިނީ ސީދާ ކައުންސިލްގެ ނަމުގައި އުފެއްދުން ހުށައަޅާގޮތަށެވެ. ނަމަވެސް މިއަހަރު، ފުރުޞަތު ދީފަވަނީ އެ އުފެއްދުމެއް އުފައްދާ އުފެއްދުންތެރިޔާގެ ނަމުގައި ރަޖިސްޓްރީވުމަށްފަހު، ދެން ކައުންސިލާއެކު ބައިވެރިވެ ކައުންސިލް މެދުވެރިކޮށް ހުށައަޅާގޮތަށެވެ. މިގޮތަށް ނިންމީ، މީއީ ދިވެހި އުފެއްދުންތެރިންގެ މަސައްކަތް ފާހަގަކުރާ މައުރަޒަކަށްވެފައި، އުފެއްދުންތެރިޔާގެ ހުނަރުވެރިކަން ފާހަގަކުރުމުގެގޮތުންކަމަށް ބީސީސީން ވިދާޅުވެއެވެ.

އެގޮތުން ކައުންސިލްގެ ދަށުން ތަކެތި ހުށައަޅަން ބޭނުންވާ މީހުން ފުރަތަމަ ޖެހޭނީ، އަމިއްލަ ފަރުދެއްގެ ގޮތުގައި ރެޖިސްޓަރީވާށެވެ. ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ނަމަވެސް އެ އުފެއްދުމެއް އިންނާނީ އުފެއްދުންތެރިޔާގެ ނަމުގައެވެ.

ބީސީސީން އިތުރުކޮށްފައި މިވަނީ އަމިއްލަ ފަރުދުންގެ ގޮތުގައި ހުށައެޅި ފަރާތްތަކުގެ ތެރެއިން ކައުންސިލްތަކާއި ގުޅިގެން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތެވެ. މި މުއްދަތު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
expo.mv އިން މިކަމަށް އެދޭ ފޯމު ހުށައެޅޭނެއެވެ.

ކައުންސިލްތަކުގެ ބައިވެސް ވަނަވަނައަށް އަންނަ ރަށު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް މި މައުރަޒުގައި ހޮވާނެއެވެ.

ވާދަކުރުމުގެ ބައިން ވަކިވަކި ފަރުދުންގެ ގޮތުގައި މައުޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. 700އެއްހާ ބައިވެރިން މައުރަޒުގައި ބައިވެރިވާން ވަނީ ހުށައަޅާފައެވެ.