ފޮޓޯ

ފޮޓޯ ސްޓޯރީ: ދުވާފަރު ދޮންއަލިބެގެ ދިވެހި ބޭސްވެރިކަމުގެ ޚިދުމަތް

ރ. ދުވާފަރުގައި ހުރި ޔޫނާނީ ފަރުވާ ކުލިނިކުގެ ނަން ބޯޑު، ފޮޓޯ: ޖަލްވާން ޖަމިީލް، ޕީއެސްއެމް ނިއުސް


ރ. ދުވާފަރުގެ މަގުތަކުން ހިނގާލާއިރު، ދިވެހި ބޭސްވެރިކަމުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ ތަނެއް ފެންނާނެއެވެ. އެއީ އެ ރަށު ޔޫނާނީ ފަރުވާ ދިވެހިބޭސް ކުލިނިކެވެ.

ދޮންއަލިބެ ކުލިނިކުގެ ދޮރުކައިރީ ހުށްޓިލައިގެން، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

މި ކުލިނިކު ހިންގަނީ ރ. ކަނދޮޅުދޫ، އިރުދޭމާގެއަށް އުފަން، އުމުރުން 70 އަހަރުގެ އަލީ އިބްރާހިމް (ދޮންއަލިބެ) އެވެ.

ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވަރަށް ހަނގު ޢުމުރެއްގައި އޭނާ ކުރަން ފެށިއެވެ. ދޮންއަލިބެ ބުނިގޮތުގައި އުމުރުން 13 އަހަރުއްސުރެ އޭނާ އެ މަސައްކަތް ކުރާ ކަމަށެވެ. އޭނާ ބުނީ އެ ފަންނުގެ ތެރެއަށް ވަދެވުނީ އޭނާގެ ބައްޕަގެ ފަރާތުންކަމަށެވެ. ދޮންއަލިބެގެ ދިވެހި ބޭސްވެރިކަމުގެ ކްލިނިކަށް "ޔޫނާނީ" މި ނަން ދެވުނު ގޮތުގެ ވާހަކައަކީ ވެސް ޝައުޤުވެރި ވާހަކައެކެވެ.

ދޮންއަލިބެ ބުނި ގޮތުގައި، ކުލިނިކު ހުޅުވުމަށް ހެލްތު މިނިސްޓްރީއަށް އެތައް ނަމެއް ހުށަހެޅުމުން ވެސް އެ ނަންތައް ފާހެއްނުވިއެވެ. އެންމެ ފަހުން ޔޫނާނީ ކުލިނިކުގެ ނަމުން އެ ކްލިނިކަށް ނަން ދެވުނީ ކުރީ ޒަމާނުގައި ދިވެހި ބޭސްވެރިކަމުގައި މަޝްހޫރު "ޔޫނާނީ ހަކީމު" ގެ ނަމާ ގުޅުވައިގެންކަމަށެވެ.

ޔޫނާނީ ކުލިނިކް، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް
ޔޫނާނީ ކުލިނިކުގެ ބަލިމީހުން ބަލަން ޙާއްސަކޮށްފައި ހުންނަ ކޮޓަރި، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

އެ ކުލިނިކު ހިންގަނީ ދޮންއަލިބެ ދިރިއުޅޭ ގޭގައެވެ. ގެއަށް ފުރަތަމަ ވަންނައިރު، ފިހާރައެއް ގޮތަށް ހުރިހާ ދިވެހި ބޭސްތަކެއް ރެކެއްގައި ފެންނަން ހުރެއެވެ. އަދި ބަލިމީހުން ބަލަން ޚާއްސަ އެނދެއް އެތަނުގައި ބަހައްޓާފައި ހުރެއެވެ.

ޔޫނާނީ ކުލިނިކުގެ ބަލިމީހުންނަށް ފަރުވާދިނުމަށް ޙާއްސަކޮށްފައި ހުންނަ ކޮޓަރި، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް
ދޮންއަލިބެ ފަރުވާދިނުމަށް ބޭނުންކުރާ އާލާތެއް ހިފައިގެން، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

ގޭގެ އެތެރެއަށް ވަދެގެން ދާއިރު، ފަރުވާ ދިނުމަށް ޚާއްޞަކޮށް ހަދާފައިވާ ކޮޓަރިއެއް ހުރެއެވެ. އެ ކޮޓަރީގައި ބަލިމީހުން ބޭއްވުމަށް ދެ އެނދު ފެންނަން ހުރިއިރު ދޮންއަލިބެ މިކަމަށް ބަހަށްޓާ އަހައްމިއްޔަތުކަން މުޅިތަން ތައްޔާރު ކޮށްފައި ހުރިގޮތުން ދޭހަވެއެވެ.

ދިވެހިބޭސް ހެދުމަށް ބޭނުންކުރާ އާލާތްތަށް ރެކެއްގައި ތަރުތީބުކުރެވިފައި، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

މިތަނުގައި ދިވެހިބޭސް ހެދުމަށާއި ފަރުވާދިނުމަށް ބޭނުންކުރާ ހުރިހާ އާލާތެއް ރެކެއްގައި ތަރުތީބުން ބަހަށްޓާފައި ހުރިއިރު، ފާރުތަކުގައި ބޭސްވެރިކަމާއި ބެހޭ އެކިއެކި ކުރެހުންތަށް ހިއްޕާފައި ހުށްޓެވެ.

ދޮންއަލިބެ ދިވެހިބޭސްތަށް ދައްކާލަނީ، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް
ޔޫނާނީ ކުލިނިކުގައި ލިބެންހުރި ދިވެހިބޭސްތަށް، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

ޔުނާނީ ކްލިނިކުން ދިވެހި ބޭހުގެ ހުރިހާ ފަރުވާއެއް ލިބެއެވެ. މިހާރު އެންމެ ގިނައިން ފަރުވާ ދެނީ ވާގިނެތޭ ބައްޔަށްކަމަށް ދޮންއަލިބެ ބުންޏެވެ. އަދި މީގެ އިތުރުންވެސް ބޮލަށް އެނބުރުންއެރުން، އައްސިވުން، ތުރުތުރުއެޅުން، ހިނގަން އުނދަގޫވުން އަދި މިނޫންވެސް އެކިއެކި ކަންކަމަށް މި ކްލިނިކުން ފަރުވާ ދެއެވެ.

ބޭސްތަކުގެ ތެރެއިން އެންމެ ހިނގާ އެއް ބޭހަކީ އަންހެނުންގެ ޕީރިއެޑް މައްސަލަތަކަށް ހަދާ ބޭސްކަމަށް އޭނާ ބުންޏެވެ.

ދޮންއަލިބެ ޔޫނާނީ ކުލިނިކުގައި، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް
ދޮންއަލިބެ ފަރުވާދިނުމަށް ބޭނުންކުރާ އާލާތެއް ހިފައިގެން، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

ދޮންއަލިބެގެ މި ޚިދުމަތަށް ރަސްމީކޮށް 10 އަހަރު ވެފައިވާއިރު، މިހާތަނަށް ފަރުވާ ދެވުނު މީހުންގެ އަދަދެއްވެސް ނޭނގޭކަމަށް އޭނާ ބުންޏެވެ.

"ކުރިން މިކަން ކުރިއިރު ލިޔެކިޔުމުން ބަލަހައްޓައިގެނެއް ނޫން މިކަން ކުރީކީއެއް. ކޮންމެ މީހަކުވެސް ގުޅާލާފައި ބަލިވެގެން ބުނީމަ އަންނަނީ ނޫނީ އެމީހުންނަށް ނާދެވެންޏާ އަޅުގަނޑު ދަނީ. ގޮސް ބަލާފައި ބޭސް ހަދާފައި އެމީހަކާ ހަމައަށް ގެންގޮސްދެނީ. އޭރު ލާރިވެސް ނުނަގާ ހަމަ ހިލޭ ކަހަލަ ގޮތަކަށް ކޮށްދެނީ. އެކަމަކު މިހާރު ބޭސްތައް އަގުބޮޑުވުމާއި އުޅެންޖެހޭ ގޮތުން ކޮންމެވެސް ވަރެއްގެ ލާރިއެއް ނަގައިގެން މިކަން ކުރަނީ،" ދޮންއަލިބެ ކިޔައިދިނެވެ.

ޔޫނާނީ ކުލިނިކުގައި ލިބެންހުރި ދިވެހިބޭސްތަށް، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

ދޮންއަލިބެ ބުނީ، ބޭސްތައް ހޯދުމުގައި ދޮންއަލިބެގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭކަމަށެވެ. އަދި ބައެއް ރަޙުމަތްތެރިން މާލެދާއިރު ފައިސާގެ އެހީތެރިކަން ދޭކަމަށާއި، ބޭސް ހުސްވުމުން ބޭސް ހޯދައިދިނުމުގައި އެހީވާކަމަށް ބުންޏެވެ.

މިއީ ހަމައެކަނި ދުވާފަރަށް ޚާއްސަ ކްލިނިކެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ މީހުންވެސް އެ ކްލިނިކުން ފަރުވާ ހޯދާކަމަށް އޭނާ ބުންޏެވެ.

ދޮންއަލިބެ ޔޫނާނީ ކުލިނިކުގައި، ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

ދޮންއަލިބެގެ އެންމެ ބޮޑު އުންމީދަކީ ދިވެހި ބޭސްވެރިކަމަށް ވެސް އާސަންދައިގެ ޚިދުމަތް ލިބި، އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި އެފަރުވާ ލިބޭނެ މަގު ފަހިވުމެވެ. މިއީ ދިވެހި އަމިއްލަވަންތަ ބޭސްވެރިކަން ދެމެހެއްޓުމަށް އޭނާ ކުރާ މަތިވެރި މަސައްކަތެެކެވެ.