ޚަބަރު

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 11ވަނަ ބައްދަލުވުން މަނަދޫގައި ފަށައިފި


ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ސިސްސިލާ މަސައްކަތު ބައްދަލުވުންތަކުގެ އެގާރަވަނަ ބައްދަލުވުން ނ. މަނަދޫގައި ފަށައިފެވެ.
އަމާންވެއްޓެއް ޤާއިމުކުރުމާއި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެއްވުމުގެ މަޤްޞަދުގައި ބާއްވާ މި މަސައްކަތު ބައްދަލުވުމުގައި ނ.އަތޮޅުގެ އެކިރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ޖަމުއިއްޔާ ޖަމާތްތަކުގެ މަންދޫބުން ހިމެނޭހެން ސާޅީހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.

މި ބައްދަލުވުންތަކުގައި ކުށްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކޮށް، ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރަށް ސަރުކާރުގެ އިދާރާތަކާއި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޢުލޫމާތު ދިމުނަށް ހަމަޖެހިފައިވެއެވެ. ދެ ދުވަހުގެ މިމަސައްކަތު ބައްދަލުވުމަކީ ސަރުކާރުގެ ބައެއް އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. .އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން ހިމެނެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް ބާއްވާފައިވާ ދިހަ ބައްދަލުވުންވެސް ވަރަށް ކާމިޔާބު ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެންމެ ފަހުން މި ޕްރޮގްރާމް ބޭއްވީ ޅ.އަތޮޅުގައެވެ. 11 ވަނަ ބައްދަލުވުން ނ އަތޮޅުގައި ކުރިއަށްދާއިރު މިއަދާއި މާދަމާ ބައްދަލުވުންތަކުގެ ސެޝަންތައް ކުރިއަށްދާނެއެވެ.