ކ. ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހުރާ ނޭޗަރ ޕާކް" ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތައް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި ނޭޗާރ ޕާކު ތަރައްޤީކުރުމަށް ވަނީ ނިންމާގައެވެ. ހުރާ އަކީ އެ 10 ރަށުގެ ތެރޭގައި ހިމެނޭ އެއް ރަށެއެވެ.
ކ. ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހުރާ ނޭޗަރ ޕާކް" ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އީއާރުއޭ ގެ ޓީމެއް ކ. ހުރާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގެ ތެރެއިން، ހުރާގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބޯޑުތައް ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ހަމައެއާއެކު، އެ ޓީމުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް، އެތަނުގެ މިހާރުގެ ހާލަތު ބަލައި އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
The Ministry, together with @ERA, visited K. Huraa to discuss the K. Huraa Nature Park concept, deliver information boards for the protected area, and conduct an inspection of the site.
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 5, 2026
The visit forms part of ongoing efforts to strengthen the management, awareness, and conservation of the protected area in collaboration with @HuraaCouncil and key partners.
އެ ވުޒާރާއިން ވިދާޅުވީ މި ދަތުރަކީ ހުރާ ކައުންސިލާއި، މި މަސައްކަތުގައި ހިއްސާވާ މުހިންމު ފަރާތްތަކާ ގުޅިގެން، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ދަތުރެއްކަމަށެވެ. މީގެއިތުރުން، އެ ސަރަޙައްދާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އެއް މަގުސަދެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ނޭޗަރ ޕާކުތަކެއް ތަރައްޤީކޮށްފައިވާއިރު، މި ޕާކުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު މަންފާތަކެއް ދަނީ ކުރަމުންނެވެ.