ޕޯސްޓު އަދި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2123 ގްރާމް ނުވަތަ 2.1 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ. މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ އައި ޕެކޭޖެއްގެ ތެރެއިންވެސް ކަސްޓަމްސްއިން ވަނީ، މަސްތުވާތަކެތި ހޯދާ އަތުލައިގެންފައެވެ. މިތަކެތި އަތުލައިގަނެފައިވަނީ، 31 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ޕެކޭޖުގެ ތެރޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ. މި ޕެކޭޖުގައިވެސް އައިސްފައިވަނީ، ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތް ކުރެއެވެ. އެގޮތުން ބޯޑަރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފިޔަވަޅުތަކުގެ ދަށުން މިފަހަކަށް އައިސް މިގޮތަށް ގެންނަ ތަކެތި އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.