ޚަބަރު

ބޮންޑައި ބީޗުގައި ހަމަލާގައި ޒަހަމްވެ، ފަރުވާދެމުންދިޔަ އަންހެނަކު މަރުވެއްޖެ


އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި މިދިޔަ އަހަރު ދިން ނިރުބަވެރި ހަމަލާގައި، ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެނަކު، ސިޑްނީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އުމުރުން 90 އަހަރުގެ އީވާ ގެލަރ މަރުވީ، އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވަނިކޮށެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު، ބޮންޑައި ބީޗުގައި އޮތް ޔަހޫދީންގެ ދީނީ އެއްވުމަކަށް އަމާޒުކޮށްގެންނެވެ.

އައިއެސްއަށް ތާއީދުކުރާ ސާޖިދު އަކްރަމް އަދި އޭނާގެ ދަރިފުޅު ނަވީދު އަކްރަމް ދިން މި ބަޑީގެ ހަމަލާގައި ޖުމްލަ 15 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މިއީ ފަހުގެ ތާރީހެއްގައި އޮސްޓްރޭލިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ނިރުބަވެރި ހަމަލާއެވެ.

މި ހަމަލާ ދިން ތަނުން ފުލުހުންނާ ހިނގި ކުރިމަތިލުންތަކުގައި ސާޖިދު މަރުވެފައިވާއިރު، އޭނާގެ ދަރިފުޅު ނަވީދުގެ މައްޗަށް މިހާރު ދަނީ ޓެރަރިޒަމާއި ގަސްދުގައި މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުންނެވެ.

ގެލަރގެ މަރާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ހިތާމަ ފާޅުކުރައްވައި، އާއިލާއަށާއި އެ ގައުމުގެ ޔަހޫދީ މުޖުތަމައުއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެއިތުރުން، މި ހަމަލާއާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ނަސްލީ ތަފާތުކޮށް، ނަފްރަތު އުފެއްދުމުގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ތަހުގީގުގެ ރިޕޯޓް މި މަހުގެ 18 ވަނަ ދުވަހު އާންމުކުރުމަށް ވަނީ ނިންމައިފައެވެ.