ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް 350 އެއްހާ މީހުން ދިރިއުޅެމުންދާ ހއ. ތުރާކުންނަށްވެސް އެކި ދާއިރާތަކުން ތަރައްޤީ ބޭނުންވެއެވެ.
ރަށުގެ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސްދީ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާލުމަށެވެ. ހަމައެއާއެކު އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. މި ދެ މަޝްރޫޢުވެސް ކުރިއަށްގެންދިޔުމަށް ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.
ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢަކީ މިދިޔަ ސަރުކާރުން އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢެކެވެ. ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްގޮސްފައެއްނުވެއެވެ.
22 ހެކްޓަރުގެ ތުރާކުނަށް ބިން އިތުރުކުރަން ބޭނުންވަނީ ރައްޔިތުންނަށް ގޯތިދޫކުރުމަށާއި އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ބިން ހަމަޖެއްސުމުގެ ގޮތުންނެވެ. އެރަށުން 8.16 ހެކްޓަރު އިތުރު ކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ތުރާކުނުގެ 16 ވަރަކަށް މަގު ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓްމަހު ހަވާލުކުރީ އާރްޑީސީއާއެވެ.
ތުރާކުނު ކައުންސިލްގެ ރައީސް އަޙްމަދު ސިރާޖް ވިދާޅުވީ ރަށަށް މިވަގުތު ބޮޑަށް ބޭނުންވަނީ ބިން ހިއްކުމުގެ މަސައްކަތާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ފަށާ އެއަހަރު ނިންމާލުމަކީ އަމާޒެއްކަމަށް ސިރާޖް ވިދާޅުވިއެވެ.
"ކުރިން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ވަނީ ހިއްކި ބިން ބޭނުން ކުރާނެ ގޮތް ހިމަނާފައި. ސްކޫލް މޫވްކުރުމާއި ގޯތި ދިނުމާއި ފަތުރުވެރިކަމުގެ ޒޯނެއްވެސް ކަނޑައަޅާފައިވޭ." ތުރާކުނު ކައުންސިލްގެ ރައީސް އަޙްމަދު ސިރާޖް ވިދާޅުވިއެވެ.
ތުރާކުނުގައި ކުރިއަށްގެންދާ އިތުރު މަޝްރޫޢުތަކަށް ބަލާއިރު އެރަށުގައި ތަރައްޤީ ކުރާ ކައުންސިލްގެ އައު އިމާރާތުގެ %90 މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުފެ ފެބްރުއަރީ މަހަށް ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެރަށުގެ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމާއި ރޮސްޓްރަމްގެ މަސައްކަތް ކުރުމަށް ސައިޓް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމަށް ކުރަންޖެހޭ މަަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި އެފްއާރްސީ އިމާރާތުގެ މަސައްކަތް ކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫޢުތަކުގެ އުތުރުން ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާ އެތަން ދަނީ ބޭނުންކުރަމުންނެވެ.