ޚަބަރު

މާލެއާއި އަތޮޅުތައް ހިމެނޭހެން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ


  • މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލާނެ

  • ހޮސްޕިޓަލްތަކުގެ ޕްރޮކިއުމަންޓް ހަރުދަނާ ކުރާނެ

  • 3-4 މަސް ތެރޭގައި ތަންފީޒުކުރާނެ

މާލެއާއި އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތައް ގުޅާލާ "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް"ގެ ނަމުގެ ދަށުން ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއީ "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް"ގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމި ނިންމުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ނެޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިއްޙީ ޚިދުމަތްތައް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ކުޑަކޮށް، ރާއްޖޭގައި ތިބެގެން ހަރުދަނާ ނިޒާމެއްގެ ދަށުން ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެންމެ އިސްކަންދެއްވާ އެއް މަސައްކަތްކަމަށެވެ. މި މަގަށް ވާސިލުވުމަށް އިމާރާތްތަކާއި ވަސީލަތްތަކާއި އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކުރުމަށްވެސް ކުރަންހުރި މަސައްކަތްތައް ގިނަ ކަމަށެވެ.

އެންމެ ބޮޑު އެއް ކަމަކަށްވާނީ، ސިއްޙީ ދާއިރާގައި ކުރާ އިސްރާފު ކުޑަކޮށް، އެންމެ އެކަށީގެންވާ، ބެލެހެއްޓެނިވި ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. މިކަމަށް ވާސިލުވުމަށް ސަރުކާރުން މިހާރު ނިންމާފަވަނީ، މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގައި ޓާރޝަރީ ފެންވަރަށް ތަރައްޤީކުރާ އެންމެހާ ހޮސްޕިޓަލްގެ ހިންގުން އެއް ވިއުގައަކުން ބަލަހައްޓާގޮތަށް ބަދަލުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އެންމެ ބޮޑު ފައިދާއަކަށްވާނީ، އެއް ހޮސްޕިޓަލް އަނެއް ހޮސްޕިޓަލާއި ހިންގުމުގެ ނިޒާމުގެ ގުޅުން ބަދަހިވެ، އެފިޝަންސީ އިތުރުވެ، ބޭކާރުގޮތުގައި ކުރެވޭ ޚަރަދުތައް ކުޑަވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތުގެ މުޅި ނިޒާމުން ވަށާޖެހޭގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވުންކަމަށެވެ.

"ރާއްޖޭގެ ހުރިހާ ޓާރޝަރީ ހޮސްޕިޓަލްތައް އެއް ގްރޫޕަކަށް ހަދާނީ. އެއް ވިއުގައަކުން ގުޅާލެވޭނެ. އެކި ހޮސްޕިޓަލްތަކުން އެކި އަގުގައި މިހާރު ތަކެތި ގަނޭ. ރީއެޖެންޓްސް، ކޮންސިއުމަބަލްސް އުކާލަންޖެހޭ ޙާލަތުވެސް އެބަ އާދޭ. އޭގެބަދަލުގައި އޭގެ ބޭނުންޖެހޭ އެހެން ހޮސްޕިޓަލަކަށް އެތަކެތި ފޮނުވޭނެ ފަސޭހަ ނިޒާމެއް އޮތިއްޔާ އެ ޚަރަދު ކުޑަވެ، ޚިދުމަތްތަކުގެ އެފިޝަންޝީ އިތުރުވެ ޚިދުމަތުގެ ފެންވަރު މަތިވޭ. ބޭކާރު ޚަރަދުތައް ކުޑަވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ބަދަލު ގެނެސް، ކުރިއަށް އޮތް 3-4 މަސްތެރޭގައި އެއް ވިއުގައަކުން މި ހޮސްޕިޓަލްތައް ގުޅާލެވޭނެކަމަށެވެ. އެކަމަށް އިތުރު މުވައްޒަފުން ބޭނުން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ރަނގަޅު ފެންވަރުގެ ޑޮކަރުން ރާއްޖެއަށް ގެނެވޭނެ. އަދި އެވަގުތަކަށް އެންމެ ބޭނުންޖެހޭ ސަރަޙައްދެއްގައި ޚިދުމަތް ދިނުމަށްވެސް މި ޓީމްތައް ގެންދެވޭނެ. މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ނަމުގައި އައު ގްރޫޕެއް އުފައްދާ ގުޅުވާލަނީ. މީގެދަށުން މާލޭގެ ހޮސްޕިޓަލްތައް، ލ.ގަން، ފުވައްމުލައް، ތިނަދޫ، އައްޑޫ، ކުޅުދުއްފުށި، އުނގޫފާރު ހޮސްޕިޓަލް ގުޅާލާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޚިދުމަތްތައް ފެށިގެންދާއިރު ވަގުތީގޮތުން ބޭރުން ޑޮކްޓަރުން ގެންނާނެކަމަށެވެ. ނަމަވެސް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން މިދޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކުގައި ސިއްޙީ ދާއިރާގެ ޚާއްސަ ދާއިރާތަކުން ގިނަ ދިވެހިން އުފެއްދުންކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައިވެސް، ވީހާވެސް ގިނަ ވަގުތު ޚިދުމަތްތައް ދޭގޮތަށް މުޅި ސިއްޙީ ނިޒާމު ބައްޓަންކުރުންކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުން، މިކަމަށް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.