ދައުލަތުގެ ބިންތަކުގައި އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫގައި ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއް ކަނޑައަޅައި 3 އަހަރަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އައްޑޫއަށް އިޤްތިޞާދީ ގޮތުން ޚާއްސަ ލުއިތަކެއް ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން 2027 އިން 2029 އަށް 3 އަހަރުގެ މުއްދަތަށް އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑުއަތޮޅަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވިއެވެ.
މިކަން ކުރުމަށް ސަރުކާރުގެ ނިންމާފައިވާ ގޮތުގެ ބައެއް ތަފްސީލްތައް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމުގެ ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫއަށް ދެވޭ ލުއިތަކުގައި އައްޑޫގައި ޤާއިމްވެ ތިބެގެން ވިޔަފާރިކުރުމުގައި ލުއިތަކެއް ދެވޭނެ ކަމަށެވެ. އަދި މިކަން ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލްތައް އިޤްތިޞާދީ ވުޒާރައިން ކުރިއަށް ދުވަސްތަކުގައި އިއުލާންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ނުވަތަ އައްޑޫއަށް ބަދަލުވެ ވިޔަފާރިކުރަން ނިންމާ ފަރާތްތަކަށް ދޭނެ ބައެއް ލުއިތައް ހާމަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ބިމެއް ނަގައިގެން ވިޔަފާރި ކުރާނަމަ މިމުއްދަތުގައި އެ ބިމުގެ ކުލި އެއްކޮށް މަޢާފްވެގެންދާނެ ކަމަށް އެމަނިކުފާނު ހާމަކުރައްވިއެވެ.
"ސަރުކާރުގެ ބިމަކަށް ކުލި ދައްކާކަކަށް ނުޖެހޭނެ. ބީޕީޓީ ނޫނީ އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ. މިހާރު އާންމުކޮށް މިއޮންނަ 20 ކޯޓާ 30 ކޯޓާއަށް އަހަރީ ފީ ލުއި ވެގެންދާނެ. މިފަދަ އެތަށް ކަންތަތަކެއް ހިމެނޭ. އެސްއެމްއީގެ ބޭނުމަށް އެތެރެކުރެވޭ ވެހިކަލްތަކަށް އަހަރީ ފީ ދައްކަން ނުޖެހޭނެ. މިފަދަ ގިނަ ލުއިތަކެއް އައްޑޫސިޓީގައި ޤާއިމްވެ ތިބެގެން އެސެކްޓަރގައި ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމާފައިވަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ގިނަ ލުއިތަކެއް ދިނުމުގެ ބޭނުމަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުން ކަމަށެވެ. އަދި އައްޑޫއަށް އިޤްތިޞާދީ ގޮތުން ލިބޭ ކުރިއެރުން އިތުރުވެގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫއަށް މި ލުއިތައް ދޭއިރު، މިއީ ފަށާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އައްޑޫގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ފަހު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަތޮޅުތައް ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅައިގެން މިގޮތަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫއަށް ހާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މިކަމުގައި އައްޑޫގެ ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށް އައްޑޫ ބިޒްނަސް ޑައިލޮގް މިއަހަރުގެ މޭއި މަހުގެ 13 އިން 14 އަށް އައްޑޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބިޒްނަސް ޑައިލޮގް މެދުވެރިކޮށް ލިބުނު ޚިޔާލާއި މަޝްވަރާތައް އެއް ކަރުދާސްކޮށް ކެބިނެޓް ފެންވަރުގައި މަޝްވަރާކުރާނެ ކަމަށް އޭރު ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.