ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީ، އެކަމަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ދާއިރާއެއްކަމަށާއި، ބަދަލުގައި ހެޔޮ ނަތީޖާ ނެރުމަށް ޕްރޮގްރާމްގެ ކޮންމެ ދަރިވަރަކު އަޒުމު ކަނޑައެޅުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ އެދިވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ދިވެހި ވަޠަނީ ޚިދުމަތުގެ 4ވަނަ ޕްރޮގްރާމަށް ފުރާ ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ކަޅުތުއްކަލާކޮށީގައެވެ.
4 ވަނަ ބެޗުގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވަނީ، މިކަމަށް އިސްނަގާ ކުރިމަތިލިކަމަށްޓަކާ ދަރިވަރުންނަށް ތަރުޙީބުދެއްވާފައެވެ.
ޗީފް އޮފް ޑިފެންސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފެއްޓެވުމުގެ އެންމެ ބޮޑު ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ރަނގަޅު ތަރުބިއްޔަތާއި އަޙުލާގު ލިބިފައިވާ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުންކަމަށެވެ. ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނަކީ އެކަމުގެ ފުރަތަމަ މަރުހަލާކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް ސަރުކާރާއި ޤައުމީ ދިފާޢީ ބާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީ، އެންމެ ފުރިހަމައަށް ދަރިވަރުންނަށް ކަންކަން ހަމަޖައްސާފަވާއިރު، އެކަން ބަލައިގަނެ، ބަދަލުގައި ނެރޭ ނަތީޖާ ރަނގަޅުކުރުމަށް ކޮންމެ ކުއްޖަކުވެސް ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ފެށުމަށް ޗީފް އޮފް ޑިފެންސް ގޮވާލެއްވިއެވެ.
"މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންވާނެ. ނުވާނޭ ހީކޮށް ދޫކޮށްލައިގެން ނުވާނެ. ކުރިއަށްދާންވާނީ. ތިޔަ ކުދިންނާއި އަދި މައިންބަފައިން ދެކޭ ހުވަފެންތައް ހާސިލްކުރަން މަސައްކަތްކުރާ ކުދިންތަކަކަށް ވާންވާނީ." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ 4 މަސް ދުވަހު، ދަރިވަރުން ބެލެހެއްޓުމާއި، ތަރުބިއްޔަރުކުރުމާއި، ހުނަރު އުނގަންނައިދިނުމުގެ އެންމެހާ ޒިންމާތައް ނަގަނީ ދިފާޢީ ބާރުންކަން ފާހަގަކުރައްވާ، ޗީފް އޮފް ޑިފެންސްވަނީ، މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ގޮވާލާފައެވެ. ކޮންމެ ކުއްޖަކީވެސް ޤައުމު ދެކެ ލޯބިވާ، ހަރުދަނާ މީހަކަށްވުމަށް ޢަޒުމު ކަނޑައަޅާ، މިކަމާ ކުރިމަތިލުމަށް އެދިލެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ. މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީންގެ 3 ބެޗެއް ވަނީ ތަމްރީންކޮށްފައެވެ. އެއީ 1028 ދަރިވަރުންނެވެ. އަދި ފަންނީ ތަމްރީންގެ 2 ބެޗެއް ވަނީ ތަމްރިންކޮށްފައެވެ. އެއީ 136 ދަރިވަރުންނެވެ.