ޚަބަރު

މީހުން ޓްރެފިކްކުރުމުގެ ތަހުގީގު ހަރުދަނާކުރަން މަޝްވަރާކޮށްފި


  • މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި

  • ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި

މީހުން ޓްރެފިކްކުރުމުގެ ތަހުގީގު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން ކްރިސްޓިން ޕާރކޯއާ, ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.

އޭގެ އިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގު މިހާރަށްވުރެ ހަރުދަނާކުރުމަށާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.