ޚަބަރު

ކައުންސިލްތައް އިމާރާތްކުރުން: މުޅި މަޝްރޫޢުގެ %66 ނިމިއްޖެ


  • އާރުސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ދަނީ ކުރަމުން

  • ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިމާރާތްކުރަން ހަމަޖެހިފައިވޭ

  • މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް

ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ %66 މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ، ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 55 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ %66 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެކި އިމާރާތްތަކުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިޔަށްދާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިމާރާތްތަކެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ، 50 ކައުންސިލް އިމާރާތެވެ. މި މަޝްރޫޢާ ގުޅޭގޮތުން ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚެއް ކަނޑައެޅޭނީ، "އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރުމަށްފަހު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ 50 ކައުންސިލް އިމާރާތަކީ، ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ. މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މި 105 ކައުންސިލް އިދާރާގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ދަނީ، އިތުރު ކައުންސިލް އިދާރާތަކެއްގެ މަސައްކަތްވެސް ކުރަމުންނެވެ.

ސަރުކާރުން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުގައި އަލަށް ތަރައްޤީ ކުރާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެއެވެ. އަދި މި ކައުންސިލް އިމާރާތްތަކުގައި ޑަބްލިއުޑީސީއަށް ޚާއްސަކޮށްފައިވާ ތަންތަން ހުންނައިރު، ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، މި އިމާރާތްތަކުގައި ރައްޔިތުންނާއި ބައްދުލުކުރުމަށް ހޯލެއް ޤާއިމްކުރާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.