އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ބޭރުކުރުމަށްޓަކައި ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެތެެރޭގައި އަތޮޅުތަކާއި ސިޓީތަކުގައި ކުނި މެނޭޖްކުރާނެ ނިޒާމުތައް ޤާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި ރަށްރަށުގައި ޖަމާވާ ކުނި ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ކަނޑުމަގުން އުފުލުމަށް ޚާއްޞަ އުޅަނދުތަކެއް ބޭނުންވާ ކަމަށެވެ. ކުނި އުފުލުމަށް ޚާއްޞަ ތިން އުޅަނދެއް ބަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގައި ބަނދެ ނިމިފައިވާ އުޅަނދު މިހާރު ރާއްޖެ ގެނައުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރަށްރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަށްފަހު އެތަކެތި ބޭރުކުރުމަށް ވަސީލަތްތައް ބޭނުންވޭ. މެރިން ޓްރާންސްޕޯޓްއަށްކަމަށް ވާތީ ކަނޑުގައި ދުއްވާ މިކަމަށް ޚާއްސަކޮށް ޑިޒައިން ކުރެވިގެން އުޅަނދުތައްވެސް ހޯދަން އެބަޖެހޭ. ތިން ވެސެލެއް ބަނުމުގެ މަސައްކަތް ކުރަމުން މިދަނީ. އޭގެ ތެރެއިން އެކަތި އިންޑިއާގައި ބަނދެ ނިންމާ މާލެ ގެނައުމުގެ މަރުހަލާގައި ވަނީ. އޭގެ އެންމެ ފަހުގެ އިންސްޕެކްޝަނަށް ޓީމެއް ފުރާނެ މި ހަފްތާތެރޭގައި. އަދި ރާއްޖޭގައި އެބަ ބަނދެވޭ 2 ވެސެލް. އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އުޅަނދުތައް އޮޕަރޭޝަނަށް ގެނެވޭނެ." މުރުތަޟާ ވިދާޅުވިއެވެ.
ސަރުކާރުގެ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި "ގްރީން އިކޮނޮމީ" އާއި "ސާކިއުލަރ އިކޮނޮމީ" އަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ، ވަށައިޖެހޭ ޤައުމީ ނިޒާމެއް ތަރައްޤީކުރުމުގެ މައްޗަށެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ، ކުނީގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމާއި، ޒަމާނާ އެއްގޮތަށް މި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
ކުނި މެނޭޖްކުރުމުގެ ދާއިރާއަކީ ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ޤާނޫނީ ގޮތުން މިހާރު ވަނީ ކަނޑައަޅާފައެވެ. ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން މި ދާއިރާ ތަރައްޤީކޮށް، ޚިދުމަތް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލަންޖެހޭ މުހިންމު ޤަވާއިދުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން، ކުނި މެނޭޖްކުރުމުގެ ޢާންމު ޤަވާއިދާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދުގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދު މިހާރު ވަނީ އެކުލަވާލާފައެވެ. މި ޤަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.