އައްޑޫގައި ޕެރަމެޑިކްސް އެމްބިއުލާންސްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. ސީއީއޯ ވިދާޅުވީ މިހާރު ރެކްރޫޓްމަންޓްގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ތަރައްޤީކުރި އެންމެ ދިގު ލިންކް ރޯޑާއެކު އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓުތައްވަނީ އާންމުވެފައެވެ. އާބާދީ ބޮޑުވުމާއި ދުއްވުމަށް އޮތް ބޮޑު ސަރަޙައްދާއެކު ބަލަންވާވަރަށް ނުބެލުމާއި މަގުގައި ހުންނަ އެކި މައްސަލަތަކާއެކު ހިނގާ މިއެކްސިޑެންޓުތަކާއެކު އެންމެ ބާރު ބޮޑުވާ އެއް ތަނަކީ އައްޑޫގައި ހުންނަ މައި ހޮސްޕިޓަލްގެ އީއާރްއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރިނަމަވެސް އެންމެ އެދެވޭ ބަދަލެއް ހޮސްޕިޓަލްގެ ކުއްލި ޙާލަތްތަކުގައި ދެވޭ ފަރުވާގެ ނިޒާމަށް ގެނެވިފައެއް ނުވެއެވެ.
ކުއްލި ފަރުވާދެއްވުމަށް ހޮސްޕިޓަލުގައި ތިއްބަވާ ޑޮކްޓަރުންނާއި ނަރުހުންނާ ހަމައަށް އެކްސިޑެންޓުތަކުގައި ހިމެނޭ ފަރާތްތައް ގެނައުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާ ފަރާތަކީ އެމްބިއުލާންސްގެ ޚިދުމަތެވެ. އާބާދީ އެންމެ ބޮޑު އަދި އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާ އެއް ސަރަޙައްދުކަމަށް ތަފާސްހިސާބުތަކުން ދެއްކިނަމަވެސް މިހާތަނަށްވެސް އައްޑޫގައި އެކަށީގެންވާ ޕެރަމެޑިކްސްގެ ޚިދުމަތާއެކު އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެވިފައެއް ނުވެއެވެ.
ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވީ، ޕެރަމެޑިކްސް ނެތުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާ ޙާލަތްތަކުގައި ސީންތަކަށް ފޮނުވަންޖެހެނީ ނަރުހުންނެވެ. އެހެންނަމަވެސް އޭއީއެޗްއާއި ގުޅިފައިވާ ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއެކު އޮންނަ ހަރުދަނާ ނިޒާމުގެ ތެރެއިން އެކްސިޑެންޓުގެ ޙާލަތްތަކުގައި އެތަނަކަށް ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންވެސް ތިބެނީ ތައްޔާރީ ޙާލަތުގައިކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މިއޮންނަ ނިޒާމުގެ ތެރެއިން ކޯލް ސެންޓަރ މެދުވެރިކޮށް ގުޅާލުމުން ފޭދޫގައި އެކްސިޑެންޓު ހިނގައިފިނަމަ ފޭދޫ ހެލްތު ސެންޓަރުގެ އެމްބިއުލާންސްދާނެ އަދި ހަމައެގޮތަށް މަރަދޫގައިވެސް. މިހާރުވެސް ވަރަށް އަވަހަށް ގިނަ އެކްސިޑެންޓުތަކުގައި އަޅުގަނޑުމެންގެ މުވައްޒަފުންދާނެ." ސީއީއޯ ވިދާޅުވިއެވެ.
އެމްބިއުލާންސްގެ ޚިދުމަތް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވިއެވެ. އެގޮތުން ޕެރަމެޑިކްސްގެގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކާއި އެމަޖެންސީ ޓެކްނީޝަނުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިން ދެންނެވި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން އެމްބިއުލާންސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައި." ސީއީއޯ ވިދާޅުވިއެވެ.
އައްޑޫގައި ޕެރަމެޑިކްސްގެ ޚިދުމަތް ޤާއިމުވުމަކީ އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ ރައްކާތެރިގޮތުގައި ފަރުވާ ދިނުމަށް މުހިއްމު މަޝްރޫޢެކެވެ. އައްޑޫގައި ތަރައްޤިކުރާ އެމްބިއުލާންސް ކޮމްޕްލެކްސްއާއެކު އެސިޓީގެ ސިއްޙީ ފަރުވާގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.