ތަރައްްޤީ

ފުވައްމުލަށް ސިޓީގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު


ފުވައްމުލައް ސިޓީގައި ޤާއިމްކުރައްވާ 297 މިލިއަން ރުފިޔާގެ އަގުބޮޑު ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ފުވައްމުލައް ޙާފިޒު އަޙްމަދު ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމުގެ އުފާވެރި ޚަބަރުވެސް ފުވައްމުލަކުގެ ރައްޔިތުންނާއި ޙިއްޞާކުރައްވާފައިވެއެވެ. img:http://s4.psmnews.mv/images/660x400/14761162889157.jpg|ރައީސުލްޖުމްހޫރިއްޔާއަށް ފުވައްމުލައް ސިޓީން މަރުޚަބާ ދެއްނެވުން - ފައިލް ފޮޓޯ: ޓްވިޓާރ

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މަޝްރޫޢު ފައްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ދެއްވި ހޫނު މަރުޙަބާ ފާހަގަ ކުރައްވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ފުވައްމުލަކަށް ހަޤީޤީ ސިޓީއެއްގެ ދަރަޖަ ހޯއްދަވައިދެއްވުން ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމަށްފަހު، ދެން އެންމެ ބޮޑަށް ފުވައްމުލަކު ރައްޔިތުން ބޭނުން ވެފައިވަނީ ރަށް ޙިމާޔަތްކުރެވި، ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުވައްމުލަކުގެ އިރުމަތީ ފަރާތުން ވަރަށް ބޮޑަށް ގިރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14761189612854.jpg|ރައީސުލްޖުމްހޫރިއްޔާއަށް ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ފައްޓަވައިދެއްވުން - ފައިލް ފޮޓޯ: ޓްވިޓާރ

ފުވައްމުލައް ސިޓީގައި ޤާއިމްކުރައްވާ ފެނާއި ނަރުދަމާ ނިޒާމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ބިޔަ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވޭ މަޝްރޫޢެކެވެ. 297 މިލިއަން ރުފިޔާ މި މަޝްރޫޢަށް ޚަރަދުވާއިރު، ކުވައިތު ފަންޑުން ބޮޑު އެހީތެރިކަމެއް މި މަޝްރޫޢަށް ވަނީ ފޯރުކޮށްދެއްވާފައެވެ. ކުވައިތު ފަންޑުން 175 މިލިއަން ރުފިޔާގެ އެހީ ދެއްވާފައިވާއިރު، ބާކީ ބައި ޚަރަދުކުރެއްވުމަށް ނިންމަވާފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ.

ފެނާއި ނަރުދަމާ ނިޒާމަކީ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގައި މިހާތަނަށް ފުރިހަމަނުވެ އޮތް ހަމައެކަނި ޚިދުމަތެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ ސްރީލަންކާގެ ސިއެރާ ކުންފުނިންނެވެ. އެ ކުންފުނިން މިހާރު ވަނީ ފުވައްމުލަކުގެ 3 ސަރަޙައްދެއްގައި ސައިޓްތައް ހަދާ މަޝްރޫޢު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް މީހުން ދިރިއުޅޭ 2،959 ގެއަކަށް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ދެ ޕަމްޕް ސްޓޭޝަނާއި 20 ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި 31 ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، 308 މީޓަރުގެ ސީ އައުޓްފޯލަކާއި 595 ވެކިއުމް ޗެމްބަރެއްވެސް ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފެނުގެ ނިޒާމްގައި ދުވާލަކު 500 ޓަނުގެ ފެން އުފައްދާ 3 ޕްލާންޓާއި، ހެޔޮ އަގެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށާތާ ދެ އަހަރު ތެރޭގައި މަޝްރޫޢު ނިމޭއިރު، 14,000 މީހުންގެ އާބާދީއެއް ދިރިއުޅޭ މި ސިޓީގެ ރައްޔިތުންނަށް އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަ ވެގެންދާނެއެވެ. މި މަސައްކަތް ކުރިއަށް އޮތް 21 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.