ށ .މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
މިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ ހުސްވި އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ށ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 12 ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫޢުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައިވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134,534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
Sh. Milandhoo Airport Reclamation Completed.
— Dr Mohamed Muizzu (@MMuizzu) May 5, 2026
- Commencement Date: 03rd April 2026
- Completion date: 04th May 2026
- Duration: 31 Days
- Reclaimation Total Area: 21 Ha
- Area Reclaimed: 21 Ha
- Percentage completed: 100%
- Tree Removal area existing island: 4.9Ha
- Total… pic.twitter.com/4OyqPYWOms
އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި ޢަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއާޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށް ގެންދާއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި އެމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.