ށ. އަތޮޅު ބިލެތްފަހި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ބިލެތްފަހި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
ބިލެތްފަހި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބިލެތްފަހި އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތަކީ އެރަށުގެ އިތުރުން މުޅި އެ ސަރަޙައްދައްވެސް ލިބިގެންދާ ކުރިއެރުމެއްކަމަށެވެ. މި މަސައްކަތަކީ އިޤްތިޞާދީގޮތުން ރަށަށް ކުރިއެރުން ލިބި، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަަމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ބިލެތްފަހި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ގާތްގަނޑަކަށް 36 ހެކްޓަރު ގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިންހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިންމުމުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
1500 މީޓަރުގެ ރަންވޭއަކާއި އިތުރު އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުންވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ. ށ. ބިލެތްފަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޑޮމެސްޓިކް އެއާޕޯޓުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، އިތުރު 15 އެއާޕޯޓެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ގިނަ ތަންތަނުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ށ. ބިލެތްފަހީ އެއާޕޯޓަކީ ރާއްޖޭގައި އަލަށް ތަރައްޤީކުރާ 15 އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.