ޚަބަރު

"އަންހެނުންނާއި ފިރިހެނުން ތަފާތުވަނީ ތަބީޢީގޮތުން އަދާކުރަންޖެހޭ ރޯލު"


  • އިސްލާމްދީނާއެކު އަންހެނުންނަށް އެތައް ޙައްގެއް ކަށަވަރުކޮށްދިންކަން ފާހަގަކުރެއްވި

  • އެގޮތުން ދިރިހުރުމުގެ ޙައްގު، ޢިލްމު އުނގެނުމުގެ ޙައްގު، މުދާ މިލްކުކުރުމުގެ ޙައްގު ލިބިދޭ

އަންހެނުންނާއި ފިރިހެނުންނަށްވެސް އިސްލާމްދީނުގައި ވަރަށް ހަމަހަމަ ޙައްގުތައް ލިބިދީފަވާކަމަށާއި، ތަފާތުވަނީ ތަބީޢީގޮތުން އަދާކުރަންޖެހޭ ރޯލުކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އިޙްޔާ ފޯރަމްގެ މައުޟޫއަކީ "އަންހެނުންގެ މިނިވަންކަމާ އިސްލާމް ދީން" މި މައުޟޫއެވެ.

މި މައުޟޫއަށް ވާހަކަދައްކަވަމުން ޑރ. އަނާރާ ނަޢީމް ވިދާޅުވީ، އިސްލާމްދީނަކީ އެންމެ މަތިވެރި ދީން ކަމަށާއި ފިރިހެނުންނެކޭ އެއްހަމައަކަށް އަންހެނުންނަށްވެސް ޙައްގުތައް ކަށަވަރުކޮށްދެއްވާފަކަމަށެވެ. ނަމަވެސް ތަފާތުވެގެންދަނީ ދިރިއުޅުމުގެ ތަބީޢަތްކަމަށާއި އެއީ ޙައްގުތަކަށް އަންނަ ބަދަލެއް ނޫންކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ.

ދީނާ މެދު ކުންހީތައް އުފައްދާ މީހުން، މި ދެ ކަންތައް އޮޅުވާލާ، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ. ޑރ. އަނާރާ ވިދާޅުވީ އަންހެން މީހާއަށްވެސް އަދި ފިރިހެން މީހާއަށްވެސް، އުމުރުގެ ގޮތުން އަންނަ ތަބީޢީ ބަދަލުތަކާއި އަދި އާއިލާއަށް އަދާކުރަންޖެހޭ ޙައްގުތަކާއި އެހެނިހެން ދިރިއުޅުމުގެ ބަދަލުތަކާ ގުޅިގެން، ދިރުއުޅުމަށް އެކި ބަދަކުތައް އަންނަކަމަށެވެ. މިއީ އިސްލާމް ދީނުގައި ފަހިކޮށްދޭ ހަމަހަމަކަން ނައްތާލާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

"އަންހެނުންނާ ފިރިހެނުން ތަފާތުވަނީ ދިރިއުޅުމުގެ ރޯލާއި ދަޢުރުގައި. ހަށިގަނޑަށް އަންނަ ބަދަލާއި، މައިންބަފައިންނަށް އަދާކުރާ ދަޢުރާއި، ދަރިން ލިބުނީމަ އަންނަ ދަޢުރުގެ ތަފާތުތަކާއި ޒިންމާތައް އެއީ ތަބީޢީ ބަދަލުތަކެއް. އަންހެނުންނަށް އަދި ފިރިހެނުންގެ ޒިންމާތައް ތަފާތުވޭ. މިއީ ޙައްގުތަކަށް އަންނަ ބަދަލެއް ނޫން." ޑރ. އަނާރާ ވިދާޅުވިއެވެ.

ޑރ. އަނާރާ ވިދާޅުވީ އަންހެނުންނަށް ދިރިހުރުމުގެ ޙައްޤާއި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ޙައްގު ކަށަވަރުކޮށްދިނީ އިސްލާންދީންކަމަށެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވަރަށް ނިކަމެތި ކޮށްލާފައި ތިބި ބައެއްކަން ޑރ. އަނާރާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޢިލްމު ޢުނގެނުމުގެ ޙައްޤާއި، ކަންކަމުގައި ޝާމިލުވެ އުޅުމުގެ ޙައްޤާއި އިޖްތިމާޢީ ޙައްގުތައް އިސްލާމް ދީނުމުގައި ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދެއްވާފައިވާކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ. އިޤްތިޞާދީ ޙައްގާއި މުދާ މިލްކުކުރުމުގެ ޙައްގަކީވެސް އަންހެނުންނަށް އިސްލާމް ދީން އައުމުގެ ކުރީގައި ލިބިދީފައި ނެތް ޙައްގެއްކަމަށާއި، މިއީ އަންހެނުންނަށް ފިރިހެނުން އިޙްތިރާމް ކުރުމަށްވެސް ހުޅުވިގެން ދިޔަ ދޮރެއްކަމަށް ޑރ. އަނަރާ ވިދާޅުވިއެވެ.

ކައިވެނި ކުރުމަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގެ ޙައްގުވެސް ކަނބަލުންނަށް ލިބިދީފަވާކަމަށާއި ނުރުހުމުގައި ކައިވެނި ކުރުވުމަކީ އިސްލާން ދީން ބާރު އަޅާ ކަމެއް ނޫންކަން އިޙްޔާ ފޯރަމްގައި ދެއްވި ތަޤުރީރުގައި ޑރ. އަނާރާ ނަޢީމް ވަނީ ފާހަގަކުރައްވާފައެވެ.