އދ. އަތޮޅުގެ މާފަރުފަޅު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްއޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމާ މަހިބަދޫ ރައްޔިތުންނާ ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަހިބަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހޯލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ ކެމްޕޭންގެ ދުވަސްވަރު މަހިބަދޫގެ ތަރައްޤީއަށްވެސް މުހިންމު ވަޢުދުތަކެއް އެމަނިކުފާނު ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ، އެކަންކަން ފުއްދަވައިދެއްވުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެެވެ.
ވަކިން ޚާއްސަކޮށް އެންމެ މުހިންމު ވައުދެއްގެ ގޮތުގައި މާފަރުފަޅު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވައިދެއްވުމުގެ ގޮތުން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނުހުއްޓި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެއްވާނެ ޔަޤީންކަމަކީ މި މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަން. މިއަދު މި ފެށީ ބިން ހިއްކުމަށް ބޭނުންވާ ބަންޑުވޯލް ޖެހުން. 2 މަސްތެރޭ އެމަސައްކަތް ނިމޭނެ، އެއަށްފަހު ވެލި އެޅުމާއި ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން 10 މަސް ދުވަހުގެ ތެރޭގައި 67 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ރައްޔިތުންނާ ޙަވާލުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއީ ވަރަށް ބޭނުންތެރި މަޝްރޫޢެއްކަމުން ވަރަށް ބޮޑު އިސްކަމެއް އެ މަޝްރޫޢުއަށް ސަރުކާރުން ދެއްވާނެކަމަށެވެ. އަދި މަހިބަދޫގެ އިތުރުން މުޅި އަތޮޅަށްވެސް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީ ގެނެސްދޭނެ މުހިންމު ހަބަކަށް ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މަހިބަދޫގައި 150 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު ހިމަނުއްވައި، އަންނަ އަހަރު ކުރީކޮޅު އެ މަޝްރޫޢު ފައްޓަވާނޭކަމަށެވެ.
މަހިބަދޫގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން ދިއުމަކީވެސް ރައްޔިތުންނަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކާ މިއަންނަ އަހަރުގެ ކުރީކޮޅު މަހިބަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުން ފެށިގެންދާނެކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
"އެކަމަށް ބޭނުންވާ ފަންޑު ބޭރުން މިހާރު ވަނީ ހަމަޖެހިފައި. މިއީވެސް މިރަށާއި އަތޮޅަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ޔަޤީން." ރައީސް ވިދާޅުވިއެވެ.
މަހިބަދޫގައި މިއަދު ފެށިގެންދިޔަ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދާއިރާއިން ހުރި ކަންކަން ބަލައި ހައްލު ހޯއްދައިދެއްވުމަށްވެސް މަސައްކަތްކޮށްދެއްވާނެކަމަށާއި، ވެމްކޯގެ ޚިދުމަތް ފެށުމާއެކު އެކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.