ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ ޚިދުމަތެއް ކަމަށެވެ. އަދި އެއީ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި އަދި ފަޚުރުވެރި ޚިދުމަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާދަމާ ޤައުމުގެ ދިދަ އުފުލާނެ ޢަޒުމު ވަރުގަދަ އަދި ހިތްވަރުގަދަ ކުދިން ތިބީ މިއަދު މަދުރަސާގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހީން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ކުރެވޭނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމާއި އޯގާތެރިކަމަކުން ކަމަށެވެ. އެހެންވެ، ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދުރުންގެ އާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުޢާކުރައްވާފައެވެ.
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއް.
— Dr Mohamed Muizzu (@MMuizzu) October 5, 2025
މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ… pic.twitter.com/9vnD9lF0aB
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.
އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުގައެވެ.