ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވައިލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށްތަކަށް ކުރާ ދަތުރުތައް ފަށައިފިއެވެ.
މި ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގޮސްފައިވަނީ މާލެ އަތޮޅު ގުރައިދޫއަށެވެ.
"ވިލުންތެރި ރާއްޖެ" ޕްލޭނަށް ޚިޔާލު ހޯދުމުގެ ޓީމު ގުރައިދޫއަށް ކުރި ދަތުރުގައި ކައުންސިލާއި ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތާއި އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ގެނުވާނެ ކަންކަމުގެ އިތުރުން އިޖްތިމާއި ގޮތުން ހުރި އެކި ކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކޮންސަލްޓަންޓް، ނެކްސިޔާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ވިލުންތެރި ރާއްޖެ 2045 ގެ ޕްރޮޖެކްޓް މެނޭޖަރ ހާމިދު ޞާދިޤު ވިދާޅުވީ ރަށްތަކަށް މިކުރާ ދަތުރުތަކުގައި އެ ރަށެއްގެ އެކި ދާއިރާތަކުން މައުލޫމާތު އެއްކުރެވިގެންދާނެކަމަށެވެ. އަދި ހުރި ގޮންޖެހުންތައް ގާތުން ދެނެގަނެވިގެންދާނެކަމަށެވެ.
އެގޮތުން ރަށުގެ އެކި އިދާރާތަކާއި ރައްޔިތުން ކުރިއަށް އޮތް މުސްތަޤުބަލުގައި އެ ބައެއްގެ ރަށް އޮންނާނެ ނުވަތަ އޮންނަން ބޭނުންވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެކަމަށް ހާމިދު ވިދާޅުވިއެވެ. ކޮންމެ ރަށެއްގައި ކުރިއަށްގެންދާ ހަރަކާތް ކުރިއަށް ގެންދާނީ އެރަށެއްގެ ރައްޔިތުންނާއި އެކި އިދާރާތަކުގެ ބައިވެެރިވުމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަށުގެ އެކި ކަންކަމާއި މަޝްވަރާ ކުރާނެ. އެގޮތުން އެންމެ މުހިންމުކަމަށް ބެލެވޭ ކަންކަމާއި މަޝްވަރާ ކުރެވިގެން އަަޅުގަނޑުމެންގެ އެކްސްޕާޓުންނާއި މަޝްވަރާކުރެވި ރައްޖޭގެ ހުރިރާ ރަށަކުން ނެގޭ މައުލޫމާތައް ބިނާކޮށް ދުރުރާސްތާ ޕްލޭން އެކުލަވާލެވިގެން ދާނީ." ހާމިދު ޞާދިޤު ވިދާޅުވިއެވެ.
ހާމިދު ވިދާޅުވީ އުންމީދަކީ ރަށްތަކަށް މި ކުރާ ދަތުރުތަކުގައި އެރަށެއްގެ ރައްޔިތުން އެރަށަކަށް ބޭނުންވާ ތަރައްޤީގެ މައުލޫމާތު ނުވަތަ ވާހަކަތައް އަޑު އަހާލުންކަމަށެވެ. ރަށްރަށުން ނެގޭ މައުލޫމާތުތަކަކީ މި ޕްލޭން އެކުލަވާލުމުގެ އެންމެ މުހިންމު ބައިކަމަށް ހާމިދު ވިދާޅުވިއެވެ.
މިމަހުގެ 13 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިލުންތެރި ރާއްޖޭގެ ޓީމުތައް ދަތުރުކުރަން ފަށާނެއެވެ. އެގޮތުން ކުރިމަގު ސައްލާގެ ނަމުގައި ކޮންމެ ރަށެއްގައިވެސް އެރަށެއްގެ އާންމު ރައްޔިތުންނާއި އެކި އިދާރަތަކާއި ބައްދަލުކުރާނެއެވެ.
ކުރިމަގު ސައްލާގެ ދަށުން ފުރަތަމަ ބައްދަލުކޮށްފައިވަނީ މާލެ އަތޮޅު ގުރައިދޫގެ ރައްޔިތުންނާއި ރަށުގެ އެކި އިދާރާތަކާއެވެ. މީގެ ތެރޭގައި ގުރައިދޫ ސުކޫލް، ޕޮލިސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ސްޓެލްކޯ، އާންމު ރައްޔިތުން މީގެ އިތުރުންވެސް އިތުރު އެކި އިދާރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި އެކި ދައިރާތަކުން ކުރިއަށް އޮތް 20 އަހަރު ރަށް އޮންނާނެ ގޮތާއި އަދި ބޭނުންވާ ގޮތުގެ ޚިޔާލު ވަނީ ހިއްސާކޮށްފައެވެ. އަދި ރަށަށް އެންމެ ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި އިޖްތިމާއި ގުޅުން، ރަށުގެ ވިޔަފާރީގެ ހާލަތު ފަދަ ދާއިރާތައް ހިމެނެއެވެ.
2025 އިން 2045 އަށް އަމަލު ކުރަން ރަވާ 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދައިގެން ކުރަމުންދާ މަސައްކަތެކެވެ.
މި ޕްލޭންގެ ބޭނުމަކީ ޤައުމުގައި ކުރެވޭ އެންމެހާ ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން, ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމާއި އެކަންކަމުން އަރައިގަނެވޭނެ ޤާބިލުކަން ހުރި ވިލުންތެރި ރާއްޖެ އެއް ބިނާކުރުމެވެ.
މި ޕްލޭނަކީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ސަރުކާރުން ތައްޔާރުކުރާ ޕްލޭނެކެވެ.