ޚަބަރު

ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލާ، ކާޑެއްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަނީ


  • މި މަޝްރޫޢުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • މިއަހަރުގެ ތެރޭގައި އެއަޕޯޓް މަޝްރޫޢުތައް ކުރިއަށްދާނެ

ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން ނިންމަވައިފިއެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލުޖްމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިނަދޫއާއި ކާޑެއްދޫއާ ދެމެދުގައި ބްރިޖެއް އަޅަން ނިންމައި، އެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް، މުޅިން އައު އެއަރޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީވެސް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ކުރިން އިއުލާންކޮށްފައި ވަނީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއަރޕޯޓެއް އެޅުމަށެވެ. އެ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ތައިލެންޑުގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓްތަކަށް އަލި އަޅުވާލައްވަމުން ރައީސް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި ފުވައްމުލަކު އެއަރޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ބައެއް ރަށްރަށުގައި ބިން ހިއްކަން ފަށާނެ، ބައެއް ރަށްރަށުގައި ބިންހިއްކާ ނިންމާ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ. ހަނިމާދޫ އެއަޕޯތް ޖުލައި މަހުގެ ނިޔަލަށް ނިމޭނެ، ގަން އެއަޕޯޓް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައިވެސް ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި، ލ. އަތޮޅުގައި އިތުރު އެއަރޕޯޓެއްގެ މަސައްކަތް ފާހަގަކުރައްވާ ރައީސް ވަނީ އެއަރޕޯޓްތައް ތަރައްޤީކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ވިދާޅުވެއެވެ. އަދި މިއަހަރުގެ ތެރޭގައި އެކި ރަށްރަށުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާނެކަމަށެވެ.