ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އިހަވަންދޫގައި އަލަށް އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ފިޝަރީޒް ކޮމްޕްލެކްސްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢަށް ހިނގާ ޚަރަދުތައް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން މި މަޝްރޫޢަށް ޖުމްލަ 474 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮމްޕްލެކްސް އެޅުމަށް ހިނގާ ޚަރަދަކީ 416 މިލިޔަން ރުފިޔާ. ބަނދަރުގެ އަގަކީ 58 މިލިޔަން ރުފިޔާ. މި މަޝްރޫޢު މި ކުރިއަށްގެންދެވެނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުގެ އެހީގައި." ރައީސް ވިދާޅުވިއެވެ.
ފިޝަރީޒް ކޮމްޕްލެކްސްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅިގެންދިއުމަކީ އިހަވަންދޫއާއި އެ ރަށާ ކައިރި ރަށްރަށުގެ މަސްވެރިންގެ ބޮޑު އުންމީދެއް ޙާސިލުވުމުގެ ފެށުން ކަމަށެވެ. އަދި މި ކޮމްޕްލެކްސްއާއެކު އެކި ގޮތްގޮތުން މަސްވެރިންނަށް ލުއިތައް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިހަވަންދޫގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ދިގު ދަތުރެއް މަސްވެރިން ކުރަންޖެހެނީ ފެލިވަރަށް މަސް ކިރުމަށްޓަކައި. އެތައް ތެލެއް އަންދާ. އެހެންކަމުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއާއެކު އެ ސަރަހައްދުގައި މަސްވެރިން ތެލަަށްކުރާ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވޭނެ. އަދި އިހަވަންދޫގައި ގިނަ ވަޒީފާތަކެއްވެސް އުފެދޭނެ." ވަޒީރު ވިދާޅުވިއެވެ.
އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިޑީބީގެ މާލީ އެހީތެރިކަމާއެކުއެވެ. މި މަޝްރޫޢުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީސް އިމާރަތަކާއި އިންޖީނުގެއާއި ވެހިކަލް ވަރކްޝޮޕުގެ އިތުރުން ގުދަނެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއި 3 ޕޮއިންޓުން މަސްކިރޭ ގޮތަށް 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.