މި އަހަރުގެ ސެޕްޓެންބަރު މަހު މުޅިން އަލަށް ރާއްޖޭގައި ދޭން ފެށި ބަންކަރިންގެ ޚިދުމަތް ނުހުއްޓި، ދެމުންގެންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ، ދިގު ދަތުރުކުރާ މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ނުވަތަ ބަންކަރިންގެ ޚިދުމަތް ދިނުމަށް ރާއްޖެއަށް ގެނައި ދެ އުޅަނދު މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާގުޅިގެންނެވެ.
ބަންކަރިންގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ ހއ. އަތޮޅުގައެވެ. މި ޚިދުމަތް ދިނުމަށް ގެނައި ދެ އުޅަނދު މާލެ ސަރަހައްދުގައި އޮތީތީ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ބަންކަރިންގެ ޚިދުމަތް ދޭ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ ދެ އުޅަނދުގެ ތެރެއިން މެރިން ބެލާ ނަމަކަށްކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައިވަނީ އުޅަނދަކަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއީ އޮފްޝޯވ ބަންކަރިން ނުވަތަ ކަނޑުގައި އޮވެގެން ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމުގެ ފައިދާ ކަމަށާއި ތެޔޮ ބޭނުންވާ އުޅަނދު އޮތް ސަރަހައްދަށް އައިސް، ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ، ދެން އޮތް މެރިން އެންޖެލްސް ނަމަކަށް ކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި އޮތީ އާންމު ނުވަތަ ރޫޓިން މަރާމާތެއް ކުރުމަށް ކަމަށެވެ.
Marine Angel is currently carrying routine maintenance works. Workshop services are yet to be available at Ihavandhippolhu area.
— Shimad Ibrahim (@sto_md) November 9, 2024
Business is going on IA 😄.
Please be more mindful when reporting on technical matters, especially those related to significant investments. (2/2)
އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. މި ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ބިމެއް ހިއްކައިގެން އެފަދަ ޚިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެންކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން ބެއްލެވީ ވީހާވެސް އަވަހަކަށް ޚިދުމަތް ފަށާ ރާއްޖެއަަށް ޑިމާންޑު ގެނައުމަށްކަމަށާއި އަންނަ އަހަރުގެ ތެރޭގައި ބަންކަރިންނަށް ޑިމާންޑު އިތުރުވާނެކަމަށް ބެލެވޭކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ރާއްޖެ އޮންނަ ސަރަޙައްދަކީ ބައިނަލްއަޤްވާމީ އެތައް ލައިނަރއެއް ދަތުރުކުރާ މައި އެއް ރޫޓެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބޯޓުފަހަރެއް އެތައް ބިލިޔަން ޑޮލަރުގެ މުދާ ކޮންޓެއިނަރާއެކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރެއެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.