ޚަބަރު

ކުރަނގި އޮޕަރޭޝަންގެ މަސައްކަތް 2 ރަށެއްގައި ނިންމާލައިފި


  • މި މަސައްކަތް ނިންމާލާފައިވަނީ ހއ.މުރައިދޫއާއި ހއ.މޮޅަދޫގައި

  • ގިނަ ބިދޭސީން ތިބީ އޯޕަން ވިސާ ނުވަތަ ފްރީ ވިސާގައިކަން ފާހަގަކުރެވޭ

  • ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކޮށްފައިވާކަންވަނީ ފާހަގަވެފައި

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަންގި އޮޕަރޭޝަން މިހާތަނަށް 2 ރަށަކުން ނިންމާލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ، ކުރަނގި އޮޕަރޭޝަންގެ މަސައްކަތް މިހާތަނަށް ނިންމާލާފައިވަނީ ހއ. މުރައިދޫއާއި ހއ. މޮޅަދޫގައި ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތްވަނީ ފަށާފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިމަސައްކަތް ކުރަމުންދާއިރު މިހާތަނަށް 2 ރަށަކުންވަނީ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ނިންމާލާފައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ހއ.މުރައިދޫއާއި ހއ.މޮޅަދޫގެ ކައުންސިލުން އެ ދެރަށުގައި ތިބި ބިދޭސީންގެ މަޢުލޫމާތު ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ޕޯޓަލްއަށް އަޕްޑޭޓްކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ބިދޭސީންގެ މައްސަލަތައް ބެލުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގިނަ މައްސަލަތަކެއްދަނީ ފެންމަތިވަމުންނެވެ. އެގޮތުން މީގެކުރިން ޢާއްމުކޮށް ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވުމަށްފަހު ގަވާއިދާ ޚިލާފުވާ މީހުން ތިބޭކަން ފާހަގަވީނަމަވެސް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން ހާމަވަމުންދާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން ބެލެނިވެރި ފަރާތެއް ނެތި، އޮޕަން ވިސާއާއި، ފްރީ ވިސާގެ ނަމުގައި ބިދޭސީންނަށް ވިސާ ހަމަޖައްސައިދޭ އޭޖެންޓުން ފާހަގަވެފައިވާއިރު މިފަދައިން ރާއްޖެއަށް އައުމަށްފަހު އަމިއްލަ މަސައްކަތުގައި ޝަމިލުވެގެން ޢާމްދަނީ ހޯދަމުންދާކަން ފާހަގަވެފައިވާކަން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެއާއެކު ގަވާއިދާ އެއްގޮތަށް އެތެރެވެފައިވާ ބިދޭސީންގެ ތެރެއިންވެސް ނިސްބަތުން ގިނަ ބަޔަކު އެމީހުން އެތެރެކުރި ފަރާތް ނޫން ފަރާތެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާކަން ފާހަގަވެފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ކުރަނގި އޮޕަރޭޝަން މުޅި ރާއްޖޭގައި މިހާރުވަނީ ފަށާފައެވެ. މިގޮތުން ދެރަށަކުން މިމަސައްކަތް މިހާރު ނިންމާލާފައިވާއިރު ބާކީ ހުރި ރަށްތަކުންވެސް އަވަހަށް މިމަސައްކަތް ނިންމުމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައެވެ. މި އޮޕަރޭޝަން މާލޭގައިވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިވަގުތު މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންނާއި، އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަދަގޮތަކަށް އުޅެމުންދާ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކްތައް ރެއިޑުކޮށް ގިނަ ޢަދަދެއްގެ ބިދޭސީން މިހާތަނަށް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ. އަދި މީގެ ތެރެއިން ބައެއް މީހުން، އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.