ޚަބަރު

އައު އިސްލާހާއެކު ޤާނޫނީ ފަންނުގެ ކަންކަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށްގެންދެވޭނެ: ސިރާޖު


  • ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ ބަންޑާރަނައިބު ނެތް މިނިވަން އިދާރާއެއް އޮތުން

  • ބަންޑާރަނައިބުގެ އެއްބާރުލުން ބާ ކައުންސިލަށް ލިބޭނެ

ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ޤާނޫނީ ފަންނުގެ ކަންކަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލުގައި ބަންޑާރަނައިބު ނުހިމެނޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 3 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. މި އިސްލާހާއެކު ބާ ކައުންސިލުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ އެ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވީ، ޤާނޫނީ ފަންނުގެ ޤާނޫނު އެކުލަވައިލުމުގެ މަގުސަދަކީ ޤާނޫނީ ފަންނަކީ މިނިވަން، މުސްތަގިއްލު ފަންނަކަށް ހެދުން ކަމަށެވެ. ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަކީ ބަންޑާރަނައިބު ނެތި މިނިވަން މުސަތަގިއްލު އިދާރާއެއް އޮތުން ކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އެކުލަވާލާފައިވާގޮތުން ބަންޑާރަނައިބު ނުވަތަ މަޤާމުގެ ގޮތުން ބޭފުޅަކު ހިމެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ބަންޑާރަނައިބު ކޮމިޓީގައި އިންނެވުމުން ޤާނޫނީ ފަންނުގެ ކަންކަމުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ސުލޫކީ މިންގަނޑާއި ވަކީލުންގެ ފެންވަރާއި ހުއްދަ ދިނުމުގެ ކަންކަން ނިންމުމުގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު އޮންނަކަމަށް ފެނުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އަދި ބަންޑާރަނައިބު އޮފީހުގައި މަސައްކަތްކުރައްވާ ވަކީލުންވެސް ކޮމިޓީގައި ހިމެނޭ ކަމަށާއި ބަންޑާރަނައިބު ކޮމިޓީގައި އިންނެވުމުން އެ މެންބަރުންނަށް ޚިޔާލުފާޅުކުރުމުގައި ދަތިތައް ދިމާވާކަމަށް ވިދާޅުވިއެވެ.

"ބަންޑާރަނައިބު އިންނަވާ މަޖިލީހެއްގައި ބަންޑާރަނައިބު އޮފީހުގެ އެހެން ސީނިއަރ ވަކީލަކު އެކްސްކޯ މެންބަރުންގެ ހައިސިއްޔަތުން ގޮތްގޮތް ނިންމަވާާއިރު ބަންޑާރަނައިބު ވަކި ސްޓޭންޑެއް ނަންގަވާފައިހުންނަވާ ކަންތައްތަކުގައި ބައެއް ފަހަރު އެ ބޭފުޅާގެ އިންޑިޕެންޑެންޓް (މިނިވަން) މުސްތަގިއްލު އޮޕީނިއަން އެކްސްޕްރެސް ކުރުމުގައި ދަތިތަކެއް ދިމާވެދާނެ،"

މި ޤާނޫނު ފުރަތަމަ އެކުލަވައިލިއިރު ބަންޑާރަނައިބު ކޮމިޓީގައި ހިމަނުއްވާފައިވަނީ ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާ ކުރުމަށާއި ކަންކަން ވިލަރެސްކުރުމުގެ ފަސޭހައަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މިހާރު ރަސްމީކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިނުގެންނެވިނަމަވެސް ބަންޑާރަނައިބުގެ އެއްބާރުލުން ކައުންސިލަށް ލިބޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

"އެޓާނީ ޖެނެރަލްއަކީވެސް ހަމަ ޤާނޫނީ ވަކީލެއް. ހުއްދަ އޮންނަ. އެހެންވީމަ ބާ ކައުންސިލްގެ އާންމު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ. އަދި އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލަކީ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށްވާތީ ބަންޑާރަނައިބުގެ ފަރާތުން އެ ދެއްވަންޖެހިވަޑައިގަންނަވާ އެއްބާރުލުންވެސް ދެއްވާނެ،"

ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ކުރިން ބަންޑާރަނައިބު ބާ ކައުންސިލުގެ ކޮމިޓީއާ ބައްދަލުކުރެއްވި ކަމަށާއި ޤާނޫނަށް ގެނައި އިސްލާހަކީ ޖުމްލަގޮތެއްގައި ކޮމިޓީގެ ހުރިހާ މެންބަރުންނަށްވެސް އެއްބަސްވެވޭ އިސްލާހެއް ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ބަންޑާރަނައިބު ކޮމިޓީން ވަކިވެވަޑައިގަތުމުން 60 ދުވަހުގެ ތެރޭގައި އެ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެގޮތުން، މިހާރު ހުސްވެފައިވާ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވިއެވެ.